29 Dec 2014, 11:46
ވިލާ ކޮލެޖުން ހިންގަމުން އަންނަ ބެޗްލާސް އޮފް ޝަރީއާ ފުރިހަމަ ކުރާ ދަރިވަރުންނަށް ވަކީލުކަން ކުރުމުގެ ހުއްދަ އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ދޭން ނިންމާފައިވާ ކަމަށް އެ ކޮލެޖުން ބުނެފި އެވެ.
ވިލާ ކޮލެޖަކީ ވަކާލާތު ކުރުމުގެ ހުއްދަ އޭޖީ އޮފީހުންދޭ ރާއްޖޭގެ ފުރަތަމަ އަމިއްލަ ކޮލެޖެވެ. ރާއްޖޭގައި ވަކާލާތު ކުރުމުގެ ހުއްދަ ކުރިން ދީފައި ވަނީ ގައުމީ ޔުނިވަސިޓީ އަށާއި ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާގައި ހިންގާ ޝަރީއާ ކޯސްތަކުން ދަސްވެނިވާ ދަރިވަރުންނަށެވެ.
އެ ކޮލެޖުން ބުނީ އެ ކޮލެޖަށް އެ ހުއްދަ ދިނުމަށް ނިންމީ މި މަހު 1 ވަނަ ދުވަހު ކަމަށެވެ.
ވިލާ ކޮލެޖުގެ އިސްޓިޓިއުޓް އޮފް އެކެޑެމިކް ޑިވެލޮޕްމަންޓުގެ ޑިރެކްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ، ވަކީލުކަން ކުރުމުގެ ހުއްދަ އެ ކޮލެޖަށް ލިބިފައި ވަނީ އޭޖީ އޮފީހުން ކަނޑައަޅާފައިވާ ގަވާއިދުތަކަށް އެ ކޮލެޖުގެ ޝަރުއީ ކޯސްތަކުގެ މޮޑިއުލްތައް ތައްޔާރުކޮށް އޭޖީ އޮފީހަށް ހުށަހެޅުމުން ކަމަށެވެ.
"ކުރިން ގާނޫނީ ކޯސްތައް ކުރިއަށްގެންދިޔައީ އިންޓަނޭޝަނަލް ކަރިކިއުލަމް އަކަށް. އަދި ރާއްޖޭގެ ވަކީލުކަމުގެ ހުއްދަ ދިނުމާ ބެހޭ ގަވާއިދާ އެއްގޮތަށް ވިލާ ކޮލެޖުގެ ބެޗްލާސް އޮފް ޝަރީއާގެ ކަރިކިއުލަމް ރިވައިސްކޮށް މޮޑިއުލްތަކަށް ތައްޔާރުކޮށް ހުށަހެޅީ،" ވިލާ ކޮލެޖުގެ އިސްޓިޓިއުޓް އޮފް އެކެޑެމިކް ޑިވެލޮޕްމަންޓުގެ ޑިރެކްޓަރު ވިދާޅުވި އެވެ.
ވިލާ ކޮލެޖުގެ ބެޗްލާސް އޮފް ޝަރީއާ މި އަހަރު 23 ދަރިވަރުން ފުރިހަމަކޮށްފައިވާ އިރު، މާސްޓާސް އޮފް ޝަރީއާ 42 ދަރިވަރަކު ދަސްވެނިވެފައިވެ އެވެ.