މީގެ އެތައް އަހަރުތަކެއް ކުރިއްސުރެ ލޮނުމެދު މަޝްހޫރުވެފައި ވަނީ ޝިފާ ލިބިދޭ ކާނާއެއްގެ ގޮތުގަ އެވެ.

ހުސްބަނޑާއި ލޮނުމެދު ކެއުމުން ލިބިދޭ ފައިދާތައް އެކި މީހުންގެ ޙިޔާލުގައި ތަފާތުވާނެ އެވެ. ހަމައެހެންމެ އުމުރުން ދުވަސްވީ މީހުން ލޮނު މެދު ކެއުމަށް ޙާއްސަ ސަމާލުކަމެއްދޭ ކަމަކީ ވެސް ފާހަނގަކޮށްލެވޭ ކަމެކެވެ. ލޮނުމެދަކީ އޭގެ ސަބަބުން ސިއްޙަތަށް ވަރަށް ގިނަ ގުނަ ފައިދާތަކެއް ލިބިދޭ އެއްޗެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ލޮނުމެދުގެ އަސަރު އެންމެ ބޮޑަށް ހަށިގަނޑަށް ކުރަނީ ހެނދުނުގެ ވަގުތުގައި ހުސްބަނޑާއި ބޭނުންކުރުމުންނެވެ. ލޮނުމެދަކީ އޭގެ ޒާތުގައި ގުދުރަތީ "އެންޓިބައޮޓިކް" އަކަށް ވުމުން ހެނދުނުގެ ނާސްތާކުރުމުގެ ކުރިން ހުސްބަނޑާއި ލޮނު މެދު ކެއުމުން ބަނޑުގައި އުފެދިފައި ހުންނަ "ބެކްޓީރިޔާ" ނުވަތަ ޖަރާސީމުތައް ފާޅުވުމުން ދުރުކޮށްދެ އެވެ.

"ހައިޕާޓެންޝަން"ގެ މައްސަލަތައް ކުރިމަތިވާ މީހުން ލޮނުމެދު ބޭނުންކުރުމުން އެމީހުންނަށް ލުއިވާކަމުގައިވެ އެވެ. އަދި ހަމައެއާ އެކު ހިތުގެ މައްސަލަތަކުން ދުރުކޮށްދީ، މަސާނާ އަދި މޭގެ މަސައްކަތްތަށް ރަނގަޅުކޮށް، ނާރުގެ މައްސަލަތަކަށް ވެސް ޝިފާ ލިބިގެންދެ އެވެ.

ލޮނުމެދު ބޭނުންކުރުމުން ހަޖަމުކުރުމުގެ ނިޒާމް ރަނގަޅުވެ، ބަނޑުގެ ތަފާތު މައްސަލަތަކާއި ދުރުކޮށްދެ އެެވެ. ތަޖުރިބާކާރުން ވިދާޅުވަނީ ލޮނުމެދަކީ ތައްޔާރީ ބޭސްތަކުގެ ބަދަލުގައި ބޭނުންކުރެވިދާނެ ފަދަ ބާރުގަދަ ކާނާއެއް ކަމުގަ އެވެ. އެގޮތުން ހަކުރުބަލި، ސިކުނޑީގެ ބަލިމީހުން އަދި ކެންސަރުގެ ބައެއް ބަލިތަކަށް ވެސް ލޮނުމެދު ބޭނުންކުރުމުން ޝިފާ ލިބެ އެވެ.

ފުއްޕާމޭގެ ބަލިތަކުގެ ތެރޭގައި ހިމެނޭ ނޭވާ ހިއްލުން، ނިއުމޯނިއާ، އަދި ކެއްސުންބަލި ފަދަ ތަފާތު އެތައް ބައްޔަކަށް ލޮނުމެދު ބޭނުންކުރުމުން ލުއި ލިބިގެންދެ އެވެ. އަދި ހަމައެއާ އެކު ތަދު އަދި ރިހުން ކެނޑުވުމަށް ލޮނު މެދެ މިހާރު ވެސް ބޭނުންކުރަމުންދާއިރު ބަނޑުގައި ރިއްސުން އަދި ކަންފަތުގައި ރިއްސުމަށް ޝިފާ ހޯދުމަށް ވެސް ލޮނުމެދު ބޭނުންކުރެވިދާނެ އެވެ.

ލޮނުމެދުން ކިތަންމެ ގިނަގުނަ ސިއްޙީ ފައިދާތަކެއް ލިބުނު ކަމުގައި ވިޔަސް އެ ބޭނުންކުރުމުގެ ކުރިން ސަމާލުކަން ދޭންޖެހޭ ބައެއް ކަންތައްތައް ހުރެ އެވެ. އެގޮތުން ލޮނުމެދަށް އެލާޖިކްވާ ކަމުގައިވާ ނަމަ ރޮލަށް ބޭނުންކޮށްގެން ނުވާނެ އެވެ. އަދި ލޮނުމެދު ބޭނުންކުރުމުން ބޮލުގައި ރިއްސުމާއި ހަށިގަނޑުގެ ފިނިހޫނުމިނަށް ބަދަލުތަކެއް އަންނަމުންދާ ކަމުގައިވާ ނަމަ ބޭނުންކުރުން ރަނގަޅެއް ނޫނެވެ.