29 Dec 2014, 11:31
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގަވާއިދާ ޚިލާފަށް އެމްޓީސީސީގެ އެސިސްޓެންޓް ގްރެފިކްސް ޑިޒައިނާގެ މަގާމަށް މީހަކު ހަމަޖެއްސި ކަމުގެ ތުހުމަތުގައި އެތަނުގެ ކުރީގެ ދެ ވެރިއެއްގެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެ މައްސަލައިގައި ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައި ވަނީ އެމްޓީސީސީގެ ބިޒުނަސް ޑިވެލޮޕްމަންޓް ސެކްޝަންގެ ކުރީގެ އިސްވެރިޔާ މ. ސަނަދު، އަހްމަދު ނަސީމާއި ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގެ އިވެސްވެރިޔާ ހ. ހަހިފާ، އާބިދާ ރަޝީދުގެ މައްޗަށެވެ.
އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެސިސްޓެންޓް ގްރެފިކްސް ޑިޒައިނާގެ މަގާމަށް މީހަކު ހަމަޖައްސާފައި ވަނީ އިއުލާން ކުރުމެއް ނެތި ކަމަށެވެ. އަދި އެ މަގާމަށް މީހަކު ހަމަޖެއްސިއިރު އިންޓަވިއުކޮށްފައިނުވާއިރު "އިންޓަވިއު ސިލެކްޝަން އެޕްރޫވަލް ޝީޓް"ގައި ނަސީމް އާއި އާބިދާ ސޮއިކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
އެހެންކަމުން މިއީ އެ ދެ މީހުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެސިސްޓެންޓް ގްރެފިކްސް ޑިޒައިނާގެ މަގާމަށް ވަކި ފަރާތެއް ހަމަޖެއްސުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ތަހުގީގަށް ބެލެވޭ ކަމަށް އޭސީސީގެ ބަޔާނުގައި ވެއެވެ.
"އެންޓިކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނަންބަރުގައިވާ ފަދައިން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވޭ މައްސަލައެއް ކަމުގައި ކަނޑައަޅައި، މި މައްސަލައިގައި މ. ސަނދު، ކ. މާލެ، އަހްމަދު ނަސީމް، އާއި ހ. ހަހިފާ، ކ. މާލެ އާބިދާ ރަޝީދު ގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ ކުރުމަށް މި މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ،" އޭސީސީގެ ބަޔާނުގައި ވެއެވެ.