29 Dec 2014, 11:19
ހުޅުމާލޭ މައި މަގުގައި މިހާރު ހަދަމުން އަންނަ ސެންޓްރަލް ޕާކް އަންނަ މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ބުނެފި އެވެ.
"ސަން" އަށް މައުލޫމާތުދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މިއަދު ވިދާޅުވީ ހުޅުމާލެ މަގުގައި ހެދުމަށް ނިންމާފައިވާ ޕާކުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަވާނެ ކަމަށެވެ.
"އަޅުގަނޑުމެން ހުޅުމާލެ މި ހަދާ ޕާކުގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަންނަ މަހުގެ ނިންމާލެވޭނެ ކަމަށް މި ބަލަނީ. ދެން އެ ޕާކުގެ ސަބަބުން ހުޅުމާލެ ރައްޔިތުންނަށް ވަރަށް ބޮޑު ހިތްފަސޭހަ ކަމެއް ލިބޭނެ ކަމަށް އުއްމީދުކުރަން. އެ ޕާކު އަޅުގަނޑުމެން ޑިޒައިން ކޮށްފައި ހުންނާނީ މީހުންނަށް އިށީނދެވޭނެ ގޮތަށް،" ސުހައިލް ވިދާޅުވި އެވެ.
ސުހައިލް ވިދާޅުވީ ހުޅުމާލޭ މައި މަގުގައި މިހާރު ހަދަމުން އަންނަ ސެންޓްރަލް ޕާކްގެ މަސައްކަތް ނިމުމުން އިންޖީނުލީ އެއްވެސް އުޅަނދަކަށް މަގުގެ ވަކި ހިސާބަކުން ނުވަދެވޭނެ ކަމަށެވެ. އެހެންނަމަވެސް ހިނގާފައި އުޅުއްވާ ބޭފުޅުންނަށް އެމަގުގެ ބޭނުން ކުރެވޭނެ ކަމަށް ސުހައިލް ވިދާޅުވި އެވެ.
މިހާރު ވެސް ޕާކްގެ މަސައްކަތް ފެށުމައްޓަކާ އެޗްޑީސީންވަނީ ހުޅުމާލޭ ބޮޑު މަގު ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.