29 Dec 2014, 11:14
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި ސައުތޭމްޕްޓަން ބައްދަލުކުރި މެޗުގައި ސްއުތޭމްޕްޓަނުން ޗެލްސީއަށް ބޮޑު ކުރިއެރުމެއް ނުދީ ހިފައްޓާލިއިރު، މެންޗެސްޓާ ސިޓީ އާއި ބާންލީ ބައްދަލުކުރި މެޗުގައި ބާންލީ ވަނީ ފަހަތުން އަރާ މެޗުގެ ނަތީޖާ އެއްވަރު ކޮށްފައެވެ.
ރޭގެ ޗެލްސީ އާއި ސައުތޭމްޕްޓަން ކުޅުނު މެޗު އެއްވަރުވެފައި ވަނީ 1-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް މެޗުގައި ލީޑް ނެގީވެސް ސައުތޭމްޕްޓަން އެވެ. އެ ލަނޑު ސައުތޭމްޕްޓަނަށް ކާމިޔާބު ކޮށްދިނީ މެޗުގެ 17 ވަނަ މިނެޓުގައި އެ ޓީމްގެ ސަޑިއޯ މާނޭ އެވެ.
ސައުތޭމްޕްޓަންގެ ލަނޑާއެކު ޗެލްސީ ވަނީ ނުތަނަވަސްކަމާ ކުރިމަތިލާން ޖެހިފައެވެ. މެޗުގެ ފުރަތަމަ ހާފްގައި ގިނަ ވަގުތު ބޯޅަ ހިފައްޓައިގެން ކުޅެމުން ގެންދިޔަ ޗެލްސީ ފުރަތަމަ ހާފް ނިމުމަކާ ގާތްވުމުން ވަނީ ޕްރެޝަރަށް ވެއްޓިފައެވެ. ނަމަވެސް ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައި އެ ޓީމުގެ ލަނޑު ކާމިޔާބުކޮށް، ޗެލްސީ ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ލަނޑު ޗެލްސީއަށް ކާމިޔާބު ކޮށްދިނީ އެ ޓީމްގެ އެޑެން ހަޒާޑް އެވެ.
ރޭގެ މެޗުގެ ނަތީޖާ އަނބުރާލަށް ޗެލްސިއަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ދެވަނަ ހާފްގެ ފަހު ވަގުތުކޮޅު ސައުތޭމްޕްޓަންގެ މޯގަން ޝްނައިޑަލިން އަށް ދެ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. ނަމަވެސް 10 ކުޅުނުތެރިންނާއެކު ކުޅެމުން ދިޔަ ސައުތޭމްޕްޓަންގެ މައްޗަށްވެސް ޗެލްސީއަށް ވަނީ ކުރި ހޯދޭގޮތް ނުވެފައެވެ. އެ މެޗުގެ ނަތީޖާއާއެކު ޗެލްސީ މުޅިއަކު 46 ޕޮއިންޓާއެކު އަދިވެސް ތާވަލް ލީޑުކުރަމުން ދާއިރު، އެ ޓީމަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެ ޓީމާ އެންމެ ގާތުން ވާދަކުރަމުންދާ މެންޗެސްޓާ ސިޓީ ރޭ ކުޅުނު މެޗުވެސް އެއްވަރު ވެގެން ދިޔުމެވެ.
ރޭ ސިޓީ އާއި ބާންލީ ބައްދަލުކުރި މެޗުގެ ފުރަތަމަ ދެ ލަނޑު ކާމިޔާބުކޮށް ސިޓީ ވަނީ މެޗުގައި ހަމަޖެހިލާފައެވެ. ސިޓީގެ ފުރަތަމަ ލަނޑު މެޗުގެ 23 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމްގެ ޑޭވިޑް ސިލްވާ އެވެ. އޭގެ 10 މިނެޓު ފަހުން ސިޓީ ވަނީ މެޗުގައި އެ ޓީމްގެ ދެވަނަ ލަނޑު ކާމިޔާބުކޮށް، ލީޑު ފުޅާކޮށްލާފައެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމްގެ ފާނެންޑީނޯ އެވެ.
މެޗުގެ ފުރަތަމަ ހާފްގެ ބާކީ ވަގުތުކޮޅު ސިޓީން ގޭމް ކޮންޓްރޯލް ކުރިނަމަވެސް، މެޗުގެ ދެވަނަ ހާފް ބާންލީ ފެށީ ލަނޑަކާ އެކީ އެވެ. މެޗުގެ 47 ވަނަ މިނެޓުގައި ބާންލީއަށް އެ ޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ އެ ޓީމްގެ ޖޯޖް ބޯއިޑް އެވެ. އެ ލަނޑާއެކު ސިޓީ އަނެއްކާވެސް ލީޑު ފުޅާކޮށްލަން މަސައްކަތް ކުރި ނަމަވެސް އެ ޓީމަށް ވަނީ އިތުރު ލަނޑެއް ކާމިޔާބު ކުރެވޭގޮތް ނުވެފައެވެ. މެޗުގައި ބާންލީގެ ދެވަނަ ލަނޑު ކަމިޔާބުކޮށް، މެޗުގެ ނަތީޖާ އެ ޓީމަށް ހަމަހަމަ ކޮށްދިނީ 81 ވަނަ މިނެޓުގައި އެ ޓީމްގެ އޭޝްލީ ބާންސް އެވެ.
އެ ލަނޑާއެކު މެޗު ނިމިގެން ގޮސްފައި ވާއިރު، އެ މެޗުގެ ނަތީޖާއާއެކު ސިޓީއަސްވެސް ވަނީ ލީގު ތާވަލްގައި އިތުރު ކުރިއެރުންތަކެއް ނުލިބި ފަރުޖައްސާލަން ޖެހިފައެވެ. އެ މެޗުން ލިބުނު އެއް ޕޮއިންޓާއެކު މުޅިއަކު 43 ޕޮއިންޓު ހޯދާ، ސިޓީ ތާވަލްގެ ދެވަނައިގައި ހިފައްޓާލިނަމަވެސް، ތާވަލްގެ އެއްވަނައިގައި އޮތް ޗެލްސީ އާއި އެ ޓީމާ ދެމެދު އަދިވެސް ތިން ޕޮއިންޓުގެ ފަރަގެއް ވަނީ އުފެދިފައެވެ.