29 Dec 2014, 11:08
މީލާދީ އާ އަހަރު ފެށުން ފާހަގަކުރުމަށް ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ މިއުޒިކް ޝޯތައް ހުއްޓުވުމަށް ރާއްޖޭގެ އިލްމުވެރިން އިސް ނަންގަވައި ނަމޫނާ ދެއްކެވުމަށް ޖަމިއްޔަތުލް ބަޔާނުން ގޮވާލައިފިއެވެ.
އިސްލާމީ ގޮތްތައް ރާއްޖޭގެ ރައްޔިތުންގެ މެދުގައި އަށަގެންނެވުމަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ އެޖަމާއަތުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފަސްޖެހިވަޑައިނުގެން އެބޭފުޅުނެގެ ބަސް ވިދާޅުވުމަށް އިލްމުވެރިންނަށް ނަސޭހަތްތެރިވެ، ހަނދުމަކޮށްދޭ ކަމަށެވެ.
"...ޚާއްސަކޮށް ދިވެހި ސަރުކާރުގެ އެންމެ އިސް ފަރާތްތަކުން މިކަމުގައި އެހީތެރިވަމުންދާއިރު މިކަމުގައި ހައްޤުބަސް ބުނުމަށް ފަސްޖެހިވަޑައިނުގެން އެބޭފުޅުނެގެ ބަސް ވިދާޅުވުމަށް އެބޭފުޅުންނަށް ނަސޭހަތްތެރިވެ ހަނދުމަކޮށްދެމެވެ. އަދި މިބޮޑު މުންކަރާތް ހުއްޓުވުމަށްޓަކައި އެންމެ ކުރީ ސަފަށް ނިކުމެވަޑައިގެން ޢަމަލީގޮތުން ދިވެހި ރައްޔިތުންނަށް ނަމޫނާ ދެއްކެވުމަށްވެސް އިލްތިމާސް ކުރަމެވެ،" ބަޔާނުގައި ވެއެވެ.
އެބަޔާނުގައި ސަރުކާރަށް ގޮވާލާފައި ވަނީ ދެޖިންސް މަސްހުނިވެގެން، ބޮޑެތި މިއުޒިކް ޝޯތައް ބޭއްވުން ފަދަ މުންކަރާތްތައް ރާއްޖޭގައި ހިންގުމަށް އެއްބާރުލުން ނުދިނުމަށެވެ. އަދި އެފަދަ ކަންތައްތައް ހިންގުމަކީ ދީނީ ގޮތުން ހިޔާލު ތަފާތުވުންތައް އުފެދި، ބައިބައި ވުމަށް މަގުފަހިވާނެ ކަމެއް ކަމަށް ބުނެފައި ވެއެވެ.
"... މި ދިވެހިރާއްޖޭގެ ފުންނާބު އުސް އެތައް ޢިލްމުވެރިންނެއްވަނީ މިއުޒިކް ކުޅުމަކީ ކަނޑައެޅިގެން ޙަރާމް ކަމެއްކަމަށް ވިދާޅުވެފައެވެ. މިފަދަކަމެއްގައި އެބޭފުޅުންގެ ލަފަޔާއި إرشاد ނުހޯދައި އެބޭފުޅުން އެކަމަށް ނުރުހި އިންކާރު ކުރާހާލު ވަނިކޮށް މިފަދަ ބޮޑެތި حرام ކަންތައްތަށް ހިންގުމަށް ހިއްވަރުދިނުމަކީ މި ދިވެހިރާއްޖޭގެ އިސްލާމީ ވަޙުދަތު މުގުރާލައި އަޅުގަނޑުމެންގެ މިކުޑަކުޑަ މީސްކޮޅުގެތެރޭގައި ފިތުނަފަސާދަ އުފެއްދުމަށް ހިތްވަރުލިބިގެންދާނެކަމެކެވެ. ދީނީ ޚިޔާލު ތަފާތުވުމާއި ބައިބައިވުންތަކަށް މަގުފަހިވެގެންދާނެ ކަންކަމެވެ،" ބަޔާނުގައި ވެއެވެ.
މިއުޒިކް ޝޯތައް ބޭއްވުން ފަދަ ކަންތައް ހުއްޓުވުމަށް ވެވުނު ގޮތަކުން މަސައްކަތް ކުރުމަށް އެބަޔާނުގައި ރައްޔިތުންނަށް ގޮވާލާފައި ވެއެވެ.
ރާއްޖޭގައި އިސްލާމީ ޝަރީއަތް ގާއިމްކުރުމަށް ގޮވާލައި ޖަމިއްޔަތުލް ބަޔާނުން ކުރިން ވަނީ މާލޭގައި މުޒާހަރާއެއް ވެސް ކޮށްފައެވެ. އެހިނގައިލުމުގައި ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ކަޅު ދިދަ ބޭނުން ކުރުމުން، އެކަމާ ސިޔާސީ ބައެއް ޕާޓީތަކުން އޭރު ކަންބޮޑުވުން ފާޅުކުރިއެވެ.