29 Dec 2014, 11:06
ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބްގެ ޖެނެރަލް ސެކްރެޓެރީއަކަށް އެ ކްލަބްގެ މެނޭޖަރުކަން އަދާކުރަމުން އައި އިސްމާއިލް ވިޝާމް ހަމަޖައްސަވައިފިއެވެ.
ނިއުގެ ބޯޑަށް އެ ބަދަލު ގެނައިކަން އެ ކްލަބުން ހާމަކޮށްފައި ވަނީ މިއަދު އެވެ. އެކަމާ ގުޅޭގޮތުން މައުލޫމާތު ދެމުން ނިއުއިން ބުނީ އެ ކްލަބްގެ ޖެނެރަލް ސެކްރެޓެރީގެ މަގާމަށް ވިޝާމް ހަމަޖެއްސީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ތޯރިގް (ޓޮމް) ރައްޔިތުންގެ މަޖިލީޙުގެ މެމްބަރު ކަމަށް އިންތިޚާބުވެފައިވާތީ އެކަށީގެންވާ ވަގުތު ކްލަބަށް ނުދެވޭތީ އޭނާއާ އެކަން މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.
"އަޅުގަނޑުމެން މި ބަދަލު ގެނައީ ޓޮމްއާ މަޝްވަރާ ކުރުމަށްފަހު. ޓޮމް އެ މަގާމުން ދުރުވިއަސް ކްލަބާ ޓޯމްއާ ދޭތެރޭ އޮންނަ ގުޅުން އަބަދުވެސް އޮންނާނެ. އަދި އެކި ކަންކަމުގައި ޓޮމްގެ މަޝްވަރާ އަޅުގަނޑުމެން އަބަދުވެސް ހޯދާނަން. ޓޮމް އަކީ ނިއުއަށް ވަރަށް އަގުބޮޑެތި ހިދުމަތްތަކެއް ކޮށްދީފައިވާ ފަރާތެއް،" ނިއުއިން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވިއެވެ.
ފާއިތުވި ތިން އަހަރު ނިއުގެ ޖެނެރަލް ސެކްރެޓެރީކަން ކުރެއްވި ޓޮމް ރަސްމީކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލީ މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ކުރިމަތިލެއްވުމަށް ފަހު އެވެ. އެ މަގާމަށް ކުރިމަތިލުމަށްފަހު ދެން 'ސީރިއަސް ފުޓްބޯޅައެއް' ނުކުޅޭނެ ކަމަށް ޓޮމް ވިދާޅުވިއިރު، އޭނާ ވަނީ އޭގެ ކުރިން ނިއުގެ ފޮވާޑް ލައިންގެ އިތުރުން ގައުމީ ޓީމްގެ ފޯވާޑް ލައިންގަވެސް ވިދާލާފައެވެ.
ނިއުއިން ބުނީ ކްލަބުގެ ޖެނެރަލް ސެކްރެޓެރީގެ މަގާމާ ވިޝާމް ހަވާލުވުމުން އެ ކްލަބްގެ ހުސްވެފައިވާ މެނޭޖަރުގެ މަގާމަށް ވަރަށް އަވަހަށް މީހަކު ހަމަޖައްސާނެ ކަމަށެވެ.