އިއްޔެ ރޭ ފަތިހު ގެއްލުނު އެއާ އޭޝިއާގެ މަތިންދާ ބޯޓް ކިއުޒެޑް 8501 ހޯދުމުގެ މަސައްކަތް އިއްޔެ އަނދިރިވުމާ ގުޅިގެން މެދުކަނޑާލުމަށް ފަހު، ބަލާ އޭރިޔާތައް ފުޅާކޮށް އަލުން މިއަދު މަސައްކަތް ފަށައިފި އެވެ.

އެ ބޯޓު ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ އިރު އެ ހޯދުމަށްޓަކައި ރޯޔާލް އޮސްޓްރޭލިއަން އެއާފޯސް (އާރުއޭއޭއެފް) އޭޕީ-ތްރީސީ މެރިޓައިމް ޕެޓްރޯލް ފްލައިޓެއް ޑަވިން އިން މިއަދު ހެނދުނު ނައްޓާލާފައިވާ ކަމަށް އޮސްޓްރޭލިއަން ޑިފެންސް ފޯސް (އޭޑީއެފް) ބުނެފައިވެ އެވެ.

އިންޑޮނޭޝިޔާގެ ސުރަބާޔާގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ޓްރާންސްޕޯޓު މިނިސްޓަރު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އިންޑޮނޭޝިޔާ އިން 10 ބޯޓާއި ދެ ހެލިކޮޕްޓަރު އަދި ޑައިވަރުންގެ ޓީމެއް އެއާ އޭޝިޔާގެ މަތިންދާ ބޯޓު ހޯދުމަށް ޓަކައި ފޮނުވާފައިވާ ކަމަށެވެ.

އިންޑޮނޭޝިޔާގެ ޓްރާންސްޕޯޓު މިނިސްޓްރީގެ އޮފިޝަލުން ބުނީ އެ ބޯޓު ހޯދުމުގެ މަސައްކަތް ފަށާނީ އެންމެ ފަހުން އެ ބޯޓުގެ ކޮންޓެކްޓް ލިބިފައިވާ ހިސާބުން ކަމަށެވެ.

ބޯޓު ގެއްލުން މައްސަލާގައި އިންޑޮނޭޝިޔާގެ ޓްރާންސްޕޮޓޭޝަން މިނިސްޓަރު އިގްނޭސިއަސް ޖޯނަން ވިދާޅުވީ އެއާއޭޝިޔާ އިން ކުރާ ދަތުރުތަކުގެ މަސައްކަތްތައް ސަރުކާރުން އިތުރަށް ބަލާނެ ކަމަށެވެ. އެއީ މުސްތަގުބަލިގައި އެފަދަ ކަމެއް ވިޔަ ނުދިނުމަށް ޓަކައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެއާ އޭޝިޔާގެ މަތިންދާ ބޯޓު ހޯދުމަށް ޓަކައި ޗައިނާ އިން އެހީތެރިވުމަށް ޓަކައި މަތިންދާ ބޯޓާއި ކަނޑުދަތުރުކުރާ ބޯޓު ފޮނުވާނެ ކަމަށް ރޮއިޓާސް އިން ބުނެފައިވެ އެވެ.

އެއާ އޭޝިޔާއަކީ އޭޝިޔާ ބައްރުގައި އޮތް އެންމެ ކާމިޔާބު އެއާލައިން އަށް ވެފައިވާ އިރު އޭގެ ބޯޓުތައް 15 އަށްވުރެ ގިނަ ގައުމުތަކަށް ދަތުރުކުރެ އެވެ.
އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލެއް ކަމަށްވާ ހާދީ މުސްތަފާ ވިދާޅުވެފައި ވަނީ އިއްޔެ ރޭ ފަތިހު ގެއްލުނު މަތިންދާބޯޓާ ގުޅުން ކެނޑުނީ ސިންގަޕޫރާއި ސުރަބަޔާ ޖަޒީރާއާ ދެމެދު އޮންނަ ޖާވާ ކަނޑުގެ މަތިން އުދުހެނިކޮށް ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ ގުޅުން ކެނޑުމުގެ ކުރިން މަތިންދާބޯޓުން އެދިފައި ވަނީ އާއްމުކޮށް ދަތުރު ނުކުރާ މަގަކުން ދަތުރުކުރުމަށް ކަމަށެވެ.

ގެއްލިފައި ވަނީ އެއާ ބަސް އޭ 320-200 މަރުކާގެ ބޯޓެކެވެ.

އެ މަތިންދާ ބޯޓު ހޯދުމާއި ރެސްކިއު އޮޕަރޭޝަންތަކާ ހަވާލުވެ އެމަސައްކަތް ކުރަނީ އިންޑޮނޭޝިއާ ގެސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިންނެވެ. އެ މަސައްކަތް ކުރިއަށް ގެންދިޔުމުގައި އެއާ އޭޝިޔާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބެމުން އަންނަ ކަމަށް ސީއޭއޭ އިން ބުނެފައިވެ އެވެ.

ބޯޓުގެ އެންމެ ފަހުން ޝެޑިއުލްކޮށްފައިވާ މެއިންޓެނެންސްގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ މަހު 16 ގައެވެ.

އެބޯޓުގައި 155 ފަސިންޖަރުންނާއި ދެ ޕައިލެޓު އަދި ފަސް ކެބިން ކްރޫއިން ހިމެނޭއިރު އެ ބޯޓު ގެއްލިފައި ވަނީ ކަނޑަށް ވެއްޓިގެން ކަމަށް ވެދާނެ ކަމަށް އޮފިޝަލުން ވަނީ މިހާރު ކަށަވަރުކޮށްދީފަ އެވެ.

ބޯޓު ގެއްލުމުގެ ހާދިސާއާ ގުޅިގެން އެއާ އޭޝިޔާގެ ޝެއާ ވަނީ 13 ޕަސެންޓް ދަށަށް ގޮސްފަ އެވެ.