29 Dec 2014, 10:29
އިންޑިއާގެ ވިޔަފާރީގެ މުހިއްމު ރަށެއް ކަމަށްވާ ބެންގަލޫރުގައި އިއްޔެ ބޮމެއް ގޮވުމުގެ ސަބަބުން އެކަކު މަރުވެއްޖެ އެވެ.
އެންޑީޓީވީ އިން ބުނީ ބެންގަލޫރުގެ ޗާޗް ސްޓްރީޓްގައި އިންޕްރޮވައިޒްޑް އެކްސްޕްލޮސިވް ޑިވައިސް ( އައިއީޑީ)އެއް ގޮއްވައިލުމުގެ ސަބަބުން މަރުވެފައި ވަނީ ޓެމިލްނާޑޫ ސްޓޭޓަށް ނިސްބަތްވާ ބަވާނީ ނަމަކަށް ކިޔާ އުމުރުން 38 އަހަރުގެ އަންހެނެއް ކަމަށެވެ.
ބެންގަލޫރު ފުލުހުން ބުނެފައި ވަނީ ގޮއްވާލާފައި ވަނީ އެމޯނިއަމް ނައިޓްރޭޓް ބޭނުންކޮށްގެން ހަދާފައިވާ އައިއީޑީއެއް ކަމަށާއި އެ ގޮއްވާލާފައި ވަނީ ޓައިމަރެއް ބޭނުންކޮށްގެން ކަމަށެވެ. އައިޑީގައި ގިނަ އަދަދެއްގެ ޝާޕްނަލް ބޭނުންކޮށްފައިވާ ކަމަށާއި ބަވާނީ މަރުވީ ޝާޕްނަލްތަކުގެ ސަބަބުން ބޮލަށް ލިބުނު ޒަހަމްތަކަކާއި ގުޅިގެން ކަމަށް ވެސް ބުނެފައިވެ އެވެ. އެހާދިސާގައި އެކަކު ޒަހަމްވެސް ވި އެވެ.
ބެންގަލޫރު ހިމެނޭ ކަރްނާޓަކާ ސްޓޭޓްގެ ހޯމް މިނިސްޓަރު ވިދާޅުވެފައި ވަނީ އައިއީޑީ ގޮއްވައިލި ހާދިސާއަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ.
އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ތާއީދުކޮށް ޝާމީ ވިޓްނަސްގެ ނަމުގައި ޓްވީޓްކުރަމުން ދިޔަ މީހަކީ ބެންގަލޫރުގައި ދިރިއުޅޭ މީހެއްކަން އެނގިގެން މިމަހު ހައްޔަރުކޮށްފައިވެ އެވެ. މަހުދީ މަންސޫރު ނަމަކަށް ކިޔާ އެޒުވާނާއާ ޓެރަރިސްޓް އެއްވެސް ޖަމާއަތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް އިންޑިއާ ފުލުހުން ކުރިން ވަނީ ބުނެފަ އެވެ. ނަމަވެސް ބޮން ގޮއްވައިލި ހާދިސާ ތަހުގީގު ކުރާ އިރު އެހުރިހާ ދިމާއަކަށް ވެސް ވިސްނާނެ ކަމަށް ބެންގަލޫރު ފުލުހުން ވަނީ ބުނެފަ އެވެ.