އެމްޑީޕީގެ ކުރީސަފުގައި މިހާރު މަސައްކަތް ކުރަމުން ދަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ސިޔާސީ ދާއިރާއަށް ނެރެދެއްވި، މައުމޫނުގެ "ޕްރޮޑަކްޓްތައް" ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫނު އެންމެ ފުރަތަމަ އުފެއްދެވި ޕާޓީ، ޑީއާރުޕީގައި މަސައްކަތް ކުރެއްވި ޓީމަށް އިޝާރާތް ކުރައްވައި ނިހާން މިދިޔަ ހަފްތާގައި"ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެކެއް ދޭއް ފިޔަވައި އެމްޑީޕީގައި މުޅިން ވެސް ތިބޭނީ ރައީސް މައުމޫން ސިޔާސީ މައިދާނަށް ނެރެދެއްވި ބޭފުޅުން ކަމަށެވެ.

"ހަގީގަތުގައި، ރާއްޖޭގެ ސިޔާސީ މައިދާނުގައި ރައީސް މައުމޫނުގެ އެހިތެރިކަމާއި އެއްބާރުލުން ލިބުނު މީހުންގެ އަދަދު 90 އިންސައްތަ އަަށް އަރާނެ. އެމްޑީޕީގެ ތެރެއިން އުފެދިގެން އައި ޕޮލިޓިޝަނުންނާ އަޅާ ބަލާއިރު،" ނިހާން ވިދާޅުވި އެވެ.

އެގޮތުން 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރެއްވި ގިނަ މެންބަރުގެ ނަން ނިހާން ވަނީ ފާހަގަކުރައްވައިފަ އެވެ. އޭގެތެރޭގައި ތޮއްޑޫ ދާއިރާގެ މެންބަރުކަން ކުރެއްވި، އަދި މިހާރު އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި ފޭދޫ ދާއިރާގެ މެންބަރުކަން ކުރެއްވި އަލްހާން ފަހުމީ އާއި ޑީއާރުޕީގެ ކުރީގެ ލީޑަރު އަދި ކެންދޫ ދާއިރާގެ މެންބަރުކަން ކުރެއްވި އަހުމަދު ތަސްމީން އަލީ އާއި މަޑުއްވަރީ ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ ވިސާމް އަލީ އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ނަންފުޅު ނިހާން ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ އެ ހުރިހާ ބޭފުޅުންނަކީ ވެސް ރައީސް މައުމޫން ސިޔާސީ ދާއިރާއަށް ނެރެދެއްވި ބޭފުޅުން ކަމަށެވެ.

ނިހާން ވިދާޅުވީ އޭނާ ވެސް ސިޔާސީ ދާއިރާ އަށް ނެރެއްދެއްވީ ރައީސް މައުމޫން ކަމަށާއި އެކަން ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަމަށެވެ.