މަތި އުތުރު ޕްރޮވިންސްގައި ހިމެނޭ ސިއްހީ ހިދުމަތްދޭ 41 ތަނެއް އަޕާ ނޯތު ހެލްތު ސާވިސަސް ކޯޕަރޭޝަނުގެ ދަށަށް ހެލްތު މިނިސްޓްރީން ބަދަލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީން އިއްޔެ ބުނީ، މަތި އުތުރު ޕްރޮވިންސުގައި ހިމެނޭ ހއ، ހދ އަދި ށ އަތޮޅުގައި ހުރި ސިއްޚީ ހިދުމަތްދޭ 41 ތަނެއް، އަޕާ ނޯތު ހެލްތު ސާވިސަސް ކޯޕަރޭޝަނުގެ ދަށަށް ބަދަލުކުރުމަށް އިއްޔެ ދެ އެގްރިމެންޓެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އެއީ އެސެޓް ޓްރާންސްފައި އެގްރީމެންޓާއި ސާވިސް ޓްރާންސްފާ އެގްރިމެންޓް ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

އެގްރިމެންޓްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓާ ޑރ. އައިމިނަތު ޖަމީލް ވިދާޅުވީ، ރައްޔިތުންނަށް ސިއްހީ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށް ދިނުމަށްޓަކައި މިނިސްޓްރީއާ ކޯޕަރޭޝަންތަކާ ގުޅިގެން އެކުގައި މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މުސްތަގުބަލުގައި ސިއްހީ ޚިދުމަތުގެ ފެންވަރު މިހާރަށް ވުރެ ރަނގަޅުވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

އަޕާ ނޯތު ހެލްތު ސާވިސަސް ކޯޕަރޭޝަނަކީ، ކޯޕަރޭޓް އުސޫލުން ސިއްހީ ޚިދުމަތް ދިނުމުގެ މަގުސަދުގައި ރައީސުލް ޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާފައިވާ ސަރުކާރުގެ 100 ޕަސަންޓު ހިއްސާ އޮންނަ ކުންފުންޏެކެވެ.