29 Dec 2014, 09:40
ފެލިވަރު ފެކްޓުރީގައި ދުވާލަކު 50 މެޓްރިކް ޓަނުގެ މަސް ބަންދުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިފްކޯ އިން ބުނެފި އެވެ.
އައްޑޫގައި ގާއިމްކުރާ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިފްކޯގެ ސީއީއޯ އަދްލީ އިސްމާއިލް ރޭ ވިދާޅުވީ ގިނަ ބަޔަކު ގަބޫލް ކުރާ ގޮތުގައި ރާއްޖެ އަށް ބާނާ މަސް ގަތުމާއި ޕުރޮސެސް ކުރުމަކީ މިފްކޯގެ ޒިންމާއެއްކަމަށާއި އެކަން ކުރުމަށް ޓަކައި ފެލިވަރުގައި ހުންނަ މިފްކޯގެ ޕްލާންޓަކީ ދުވާލަކު 50 މެޓްރިކް ޓަނުގެ މަސް ބަންދުކުރެވޭ ފެކްޓްރީއަކަށް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މިފްކޯއަކީ ސަރުކާރުގެ މަސްވެރިކަމާ ބެހޭ މައި ކުންފުނި އަދި އެންމެ ގިނަ ދިވެހި މުއައްޒިފުންނާ އެކު ހިންގާ މަސް ގަންނަ ކުންފުނި. ރާއްޖޭގެ އުތުރާއި މެދު ތެރެއިން އަދި މިސަރަހައްދުގައި މިފްކޯއިން މަސްވެރިކަމާއި ގުޅޭ ގިނަ ގުނަ މަސައްކަތްތައް މިގެންދަނީ ހިންގަމުން، މިއަދު ގިނަ ބަޔަކު ގަބޫލް ކުރާގޮތުން ރާއްޖެ އަށް ބާނާ މަސް ގަނެ ޕުރޮސެސްކުރުމުގެ މައިގަނޑު ޒިންމާ އޮތީ މިފްކޯގެ ކޮނޑުގައި އެޅިފައި. އެހެންކަމުން ފެލިވަރު ޓޫނާ ޕުލާންޓުގައި ދުވާލަކު 50 މެޓްރިކް ޓަނުގެ މަސް ބަންދުކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް ޓަކައި އެތަން އަޕްގުރޭޑް ކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުން،" އަދްލީ ވިދާޅުވި އެވެ.
އެމަސައްކަތް ނިމޭނެ ވަކި ތާރީހެއް އޭނާ ވިދާޅެއްނުވެ އެވެ.
އަދްލީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ވިސްނުންފުޅަކީ ރާއްޖެއިން ގަނޑުކުރި މަސް އެކުސްޕޮޓް ނުކޮށް މަސް ޕްރޮސެސްކޮށް "ވެލިއޭޓް"ކޮށް ބޭރުކުރުން ކަމަށާއި އެކަމުގެ ސަބަބުން ވަޒީފާ އިތުރުވެ މަހަށް އިތުރު އަގު ލިބިގެންދާނެ ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީއާއި މިފްކޯއާ ގުޅިގެން އިތުރު ހަތް ރަށެއްގައި އައިސްޕުލާންޓު ގާއިމް ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި އަންނަ އަހަރުގެ މެދު ތެރެއިން ފެށިގެން ހއ. އިން އައްޑޫއާއި ހަމައަށް 17 ރަށަކުން 120 ޓަނުގެ އައިސް އުފައްދާ ވިއްކޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށްވެސް އަދްލީ ވިދާޅުވި އެވެ.
އައްޑޫ ސިޓީގެ ހުޅުމީދޫގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ އަދި ރޭ އިފްތިތާހުކުރި ކޮމްޕްލެކްސް އަކީ ދުވާލަކު 100 ޓަނުގެ ބްރައިން މަސް ފްރީޒް ކުރުމުގެ ގާބިލްކަން ލިބިދީފައިވާ ކޮމްޕްލެކްސް އެކެވެ. އަދި މަސްވެރިންނަށް ދުވާލަކު 50 ޓަނުގެ އައިސް ވިއްކުމުގެ ގާބިލްކަން ހުރުމާ އެކު ދުވާލަކު 50 ޓަނުގެ މީރުގެ ފެން އެ ކޮމްޕްލެކްސްގައި އުފެއްދޭނެ އެވެ. އަދި 250 ޓަނުގެ ފެން ރައްކާކުރުމުގެ އިތުރަށް 250 ޓަނުގެ ޑީސަލް އެ ކޮމްޕްލެކްސްގައި ރައްކާކުރެވޭނެ އެވެ.