29 Dec 2014, 09:32
ފުލުހުންގެ ޕަބްލިކް އެފެއާސް ޑަޕާޓްމަންޓާއި ޕޮލިސް ކްލަބް ގުޅިގެން 'ޔޫތު ޗެލެންޖް ކަޕް 2014' ގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ފަށައިފަ އެވެ.
ރޭ މާފަންނު ސްޓޭޑިއަމްގައި ފެށި އެ މުބާރާތް އިފްތިތާހު ކޮށްދެއްވާފައި ވަނީ އެ ރަސްމިއްޔާާތުގެ ޝަރަފްވެރި މެހެމާނު، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާހް އިސްމާއިލްގެ އިތުރުން ރައްޔިތުންގެ މަޖުލީހުގެ މެންބަރު އަހުމަދު މަހުލޫފު އާއި އަހުމަދު ތޯރިގް އެވެ. އަދި އެ ބޭފުޅުންގެ އިތުރުން އެ ރަސްމިއްޔާތުގައި ކޮމިޝަނަރު އޮފްޕޮލިސް ހުސެއިން ވަހީދު އާއި ފުލުހުންގެ އިސް އޮފިޝަލުންވެސް ބައިވެރިވެ ވަޑައިންނަވާފައި ވެއެވެ.
އެ މުބާރާތް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނުން ވަނީ އެ ބޭފުޅުން ކުޅިވަރުގައި ހޭދަކުރެއްވި ދުވަސްތަކަށް އަލި އަޅުވާލާ، ކުޅިވަރުން ލިބޭ ޑިސިޕްލިން އާއި ފުރުސަތުތަކުގެ ބޭނުން ހިފުމަށް ނަސޭހަތްތެރިވެފަ އެވެ. އަދި މިހާރު މުޖުތަމައުގައި ހިނގަމުން ދާ ނޭދެވޭ ކަންކަމާމެދު ވިސްނާ، މުޖުތަމައުގައި އެކުވެރި، ސަލަމާތްކަން ލިބިގެންވާ ވެއްޓެއް ގާއިމްކުރަން މަސައްކަތް ކުރުމަށް ވެސް އެ ބޭފުޅުން ވަނީ ބާރު އަޅުއްވާފަ އެވެ.
މުޅިއަކު 20 ޓީމެއް ބައިވެރިވެފައިވާ އެ މުބާރާތުގައި މާލޭގެ ޓީމްތަކުގެ އިތުރުން އަތޮޅުތެރޭގެ ދެ ޓީމެއްވެސް ވަނީ ބައިވެރިވެފަ އެވެ. އަދި އެ މުބާރާތުގައި މިފަހަރު 340 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވެފައިވާ އިރު، އެ މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީގެ 10 ވަނަ ދުވަހާ ހަމައަށެވެ. އެ މުބާރާތް ފެށުމުގެ ގޮތުން މިރޭ ކުޅުނު އެ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ރިއަލް ރޮކް ސްޓްރީޓް އާއި ވޭރު ސްޕޯޓްސް ކްލަބެވެ.
އެ މުބާރާތާއި ބެހޭގޮތުން މައުލޫމާތު ދެމުން މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނީ އެ މުބާރާތް އިންތިޒާމް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ޒުވާނުން ބާރުވެރި ކުރުވާ ހަރުދަނާ ޖީލެއް ބިނާ ކުރުމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ފުލުހުން ވެސް އެހީތެރިވުން ކަމުގައި ކަމަށެވެ. އަދި އެ މުބާރާތަކި ޒުވާނުން ކުށުގެ ވެށިން ދުރުކޮށް ޒިންމާދާރު ބައެއްގެ ގޮތުގައި އުޅުމަށް ބާރުއަޅާ، ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު ޒުވާނުންގެ ހިތްތަކުގައި އަށަގެންނެވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގާ މުބާރާތެއް ކަމަށްވެސް މޯލްޑިވްސް ޕޮލިސް ސާވިސްއިން ވަނީ ބުނެފަ އެވެ.
ޕޮލިސް ޔޫތު ޗެލެންޖް ކަޕްގެ ނަމުގައި މިދިޔަ އަހަރުވެސް އެ މުބާރާތް ވަނީ ބާއްވާފައެވެ. އަދި މިދިޔަ އަހަރުގެ މުބާރާތުގައި މުޅިއަކު 19 ޓީމް ބައިވެރިވި އިރު، ޒުވާނުގެ މެދުގައި އެ މުބާރާތަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަންވެސް ފާހަގަ ކޮށްލެވެއެވެ.