29 Dec 2014, 00:21
ސިޔާސީ ފިކުރު ތަފާތުވިޔަސް އަޅުގަނޑުމެންގެ ތެރޭގައި އެއްގަލަކަށް އެރޭނެ ކަންތައްތަކެއް ހުންނަންވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގެ ހުޅުމީދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަޅުގަނޑުމެންގެ މުޖުތަމައު ހިމެނިފައި މިވަނީ "ކުދިކުދި ޔުނިޓުތަކަކާއި އެއަށްވުރެ ބޮޑެތި ޔުނިޓު"ތަކަކުގެ މައްޗަށް ކަމަށާއި ހަމައެގޮތަށް އެކި މީހުންގެ ސިޔާސީ ފިކުރުވެސް ތަފާތު ވާނެ ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އިންސާނުން ވެއްޖެއްޔާ ވިސްނުމުގެ ތަފާތު ހުންނާނޭ. އާއިލާގެ ތެރޭގައި ވެސް ވިސްނުމުގެ ތަފާތު އެބަހުރި. އަޅުގަނޑުމެންގެ މުޖުތަމައު ހިމެނިފައި މިއޮތީ ކުދިކުދި ޔުނިޓުތަކަކާއި އެއަށްވުރެ ބޮޑެތި ޔުނިޓުތަކަކާ، އާދެ ރަށްރަށާ އަތޮޅުތަކާ. އާދެ ސިޔާސީ ފިކުރުރުވެސް މިގޮތަށް ތަފާތުވާނެ. އެހެންނަމަވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މި ސިޔާސީ ފިކުރު ތަފާތުވި ނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި އެއްގަލަށް އެރޭނެ ކަންތައްތަކެއް ހުންނަންވާނޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިވެހި ގައުމިއްޔަތު ދިވެހި ގައުމިއްތެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ގައުމިއްޔަތަށް އަޅުގަނޑުމެން އިހްތިރާމް ކޮށް އަޅުގަނޑުމެންގެ ސިޔާދަތަށާއި އިސްތިގުލާލަށް ބޭރުގެ މީހުންނަށް ބަސް ކިޔަން ޖާގަ ދީގެންނުވާނެ ކަމަށެވެ. މިފަދަ ކަންކަމަކީ ސިޔާސީ ފިކުރު ތަފާތުވިކަމުގައި ވިޔަސް އެންމެން އެއްގަލަކަށް އަރަން މަޖުބޫރު ކަންތައްތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"... އަޅުގަނޑުމެންގެ ގައުމިއްޔަތަށް އަޅުގަނޑުމެން އިހްތިރާމް ކުރަންޖެހޭނެ. އަޅުގަނޑުމެންގެ ސިޔާދަތަށާއި އިސްތިގުލާލަށް ބޭރުގެ މީހުންނަށް ބަސް ކިޔަން ޖާގަ ދެވިގެން ނުވާނެ. އަޅުގަނޑުމެންނަކަށް ބުނެވިގެން ނުވާނެ ރާއްޖޭގެ ހާލަތު ގޯސްވެގެން ބޭރު ކަރަކަރައިގެ ލަޝްކަރު ސިފައިންތައް މި ގައުމަށް އަންނާށޭ ގޮވާލެވިގެން،" ރައީސް ވިދާޅުވިއެވެ.
ސިޔާސީގޮތުން ޚިޔާލު ތަފާތު ބޭފުޅެއް ކަމުގައި ވިޔަސް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ކަމަށްޓަކައި ރައީސް ވަނީ އުފަލާއެކު އެކަން ފާހަގަކުރައްވާފައެވެ.
މިރޭގެ ރަސްމިއްޔާތުގައި އެންވާރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމާއި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިގް ޑިރެކްޓަރު މުހައްމަދު ނިމާލްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އާއި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީގެ އިތުރުން އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު ވެސް ބައިވެރިވެވަޑައިގަތެވެ.