28 Dec 2014, 23:36
ސަރުކާރުން ކުރާ މަސައްކަތުގެ ނަތީޖާ ރާއްޖޭގެ ހުރިހާ ދިމާލަކުން ވެސް ފެންނަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގެ ހުޅުމީދޫނުގެ ފެނާއި ނަރުދަމާގެ ނިޒާމު އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރަށް އަދި މިވީ އެއްއަހަރު ކަމަށާއި ވަޒީރުން މަސައްކަތް ކުރައްވާތަން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންގެ ސަރުކާރެއްގައި. އަދި އިރާދަކުރެއްވިއްޔާ އަދި މިވީ އެންމެ 12 މަސް ދުވަހޭ. ހަމަ ގައިމު ވެސް ގިނަ ޚިދުމަތްތަކެއް ހޯދައިދިނުމުގައި އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ކެބިނެޓުގެ ހީވާގި ގާބިލް ޓީމުން ރެއާދުވާލު މަސައްކަތް ކުރައްވާތަން އަޅުގަނޑަށް ފެނިގެން އެބަދޭ. އަދި އަޅުގަނޑުމެންނަށް އެބަ ފެނިގެންދޭ ރާއްޖޭގެ ހުރިހާ ދިމާލެއްގައި ވެސް އަޅުގަނޑުމެން ކުރާ މަސައްކަތުގެ ނަތީޖާ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ހިންގަން ނިންމާފައިވާ އައިވަންގެ މަޝްރޫއުގެ ވާހަކަދައްކާލާފައި ހުއްޓާލަނީކީ ނޫން ކަމަށާއި ޒުވާނުންނަށް ޚާއްސަކޮށްގެން ގާއިމްކުރާ ސްޕޯޓްސް އެރީނާތަކާއި އެ ނޫންވެސް އެކި އެކި ކަންތައްތައް ކުރިއަށްދާތަން ފެންނަމުންދާ ކަމަށެވެ.
"އެއީކީ ހަމައެކަނި ބޮޑެތި މަޝްރޫއުތައް، އައިހެވަން ވާހަކަ ދައްކާލާފަ ހުއްޓާލަނީކީ ނޫން. އޭގެތެރޭގައި މިދެންނެވިގޮތަށް ޒުވާނުންނަށް ބޭނުންވާ ކުޅިވަރު އެރީނާތަކާއި އަދި މިނޫން ތަފާތު އެކި ކަންތައްތަކެއް އެބަ ފެނޭ. ކުންފުނިތަކުން ޒުވާނުންނަށް ވަޒީފާ ދިނުމަށް އަމާޒުކޮށްގެން މިފްކޯއިން އިންތިޒާމްކުރާ ކަންތައްތައް ހުރިހާ ކުންފުންޏަކުން ކުރާތަން އެބަފެނޭ،" ރައީސް ވިދާޅުވި އެވެ.
އައްޑޫ ސިޓީގައި ގޯތިދިނުމަށް ބިމުގައި ޖާގަނެތް ރަށްރަށުގެ ބިން ހިއްކުމުގެ މަޝްރޫއުތައް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ ކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
"އެހެންވީމާ މިވަގުތު ބިން ފުރިގެން އިތުރަށް ގެދޮރު ދޫކުރާނެ ބިން ނެތް ރަށްރަށުގެ ރެކްލަމޭޝަން ލޭންޑް ފިލިން މަސައްކަތްތައް ވެސް އަންނަ އަހަރުގެ ބަޖެޓުން ކުރިއަށްދާނެ،" ރައީސް ވިދާޅުވި އެވެ.
އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރު ނިމެންވާއިރަށް އައްޑޫ ސިޓީގެ ހިތަދޫގައި މިހާރު ބޭނުންކުރާ ކަރަންޓުގެ 25 ޕަސެންޓަކީ އިރުގެ ދޯދިން އުފައްދާ ކަރަންޓަށް ބަދަލުވެގެންދާނެ ކަމަށެވެ. ހަމައެއާ އެކު ޖެހިގެން އަންނަ އަހަރު ބާކީތިބި ރަށްތަކުގައި ވެސް އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދަން ފެށޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މީގައި ބޭނުމަކަށް ވަނީ މިވަގުތު ބާޒާރުގައި ތެލުގެ އަގު ހެޔޮ. އެހެންނަމަވެސް މިއީކީ އެގޮތުގައި އޮންނާނެ ކަމެއް ކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" ރައީސް ވިދާޅުވި އެވެ.
އައްޑޫ ސިޓީގައި މިފްކޯއިން ގާއިމްކުރާ މަސްފެކްޓްރީއަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވީ މަސްވެރިކަމަށް ޒުވާނުން ނެރުމަށް މި ސަރުކާރުން ބޭނުންވާ ކަމަށެވެ. އަދި އެކަން ހާސިލުކުރުމަށްޓަކައި ޒުވާނުންގެ މުނިފޫހިފިލުވުމާއި ޒުވާނުންނަށް ބޭނުންވާ އެހެނިހެން ކަންކަން ހަމަޖެހެން އެބަޖެހޭ ކަމަށާއި އެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.