އައްޑޫ ސިޓީގައި ސަރުކާރުން އެޅުމަށް ހަމަޖައްސާފައިވާ މިފްކޯ ފިޝަރީޒް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ރައީސްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ފައްޓަަވައިދެއްވައިފި އެވެ.

އެކަމަށް ޓަކައި މިރޭ އައްޑޫ ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިފްކޯގެ ސީއީއޯ އަދްލީ އިސްމާއިލް މިރޭ ވިދާޅުވީ އައްޑޫގައި މަސްވެރިކަމާ ގުޅުން ހުރި މަޝްރޫއެއް ހިންގުމަކީ އަބަދުވެސް މިސަރުކާރުން ކުރަން ބޭނުންވި ކަމެއް ކަމަށެވެ. އަދި އައްޑޫ ސިޓީގެ ސަރަހައްދަކީ މިފްކޯ އަށް ގަންނަ މަހުގެ 30 ޕަސެންޓް ހިއްސާ ކުރާ ސަރަހައްދެއް ކަމަށާއި އެހެންކަމުން އެ ސަރަހައްދުގައި ބާނާ މަސް ތާޒާ ކަމާ އެކު ޕްރޮސެސްކުރުމަކީ އެ ކުންފުނީގެ ވިސްނުމެއް ކަމަށެވެ.

އަދްލީ ވިދާޅުވީ މިފްކޯގެ އެ ކާރުހާނާ ގާއިމްކުރާނެ ތަނަކާ މެދު ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށާއި ނަމަވެސް ހުޅުދޫ މެމްބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި ހުށަހެޅުއްވުމަކަށް އެ ރަށަށް ގޮސް ބެލިއިރު ހުޅުމީދޫގެ ބަނދަރަކީ ޖާގައިގެ ގޮތުން ވަރަށް ތަނަވަސް ބަނދަރެއް ކަމަށެވެ.

"ހިތަދޫ އަދި މީދޫގައި ވަކި ދެ ބަނދަރެއް އޮތުމުން މި ދެ ބަނދަރުގެ ބޭނުން ކުރުމަށް މިފަަދަ ފެސިލިޓީޒްއެއް ބޭނުންވޭ. މިހާރު މި ބަނދަރަށް ވަނުމަށް މަސްވެރިންނަށް ވަދެ ނިކުތުމަށް ދަތިތަކެއް ކުރި ނަމަވެސް މި ޕްރޮޖެކްޓް ނިމޭ އިރު މި ބަނދަރަކީ މަސްވެރިންނަށް ލުއި ފަސޭހަ ބަނދަރަކަށް ވެގެންދާނެ. މި ޕްރޮޖެކްޓްގައި ހިމެނިފައި ނެތް ނަމަވެސް މި ބަނދަރުގައި މަސްވެރިންގެ މެރީނާ އެއް ހެދުމަށް މިފްކޯ އިން ވަނީ ގަސްތުކޮށްފައި،" އަދްލީ ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ ހުޅުމީދޫގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ އެ ކޮމްޕްލެކްސް އަކީ ދުވާލަކު 100 ޓަނުގެ ބްރައިން މަސް ފްރީޒް ކުރުމުގެ ގާބިލްކަން ލިބިދީފައިވާ ކޮމްޕްލެކްސް އެކެވެ. އަދި މަސްވެރިންނަށް ދުވާލަކު 50 ޓަނުގެ އައިސް ވިއްކުމުގެ ގާބިލްކަން ހުރުމާ އެކު ދުވާލަކު 50 ޓަނުގެ މީރުގެ ފެން އެ ކޮމްޕްލެކްސްގައި އުފެއްދޭނެ އެވެ. އަދި 250 ޓަނުގެ ފެން ރައްކާކުރުމުގެ އިތުރަށް 250 ޓަނުގެ ޑީސަލް އެ ކޮމްޕްލެކްސްގައި ރައްކާކުރެވޭނެ އެވެ.

މީގެ އިތުރުން އެއްފަހަރާ ތިން ޕޮއިންޓަކުން މަސް ކިރުވުމާ އެކު އެެއްފަހަރާ 1500 މެޓްރިކްޓަކުގެ މަސައްކިރުވޭނެ އިންތިޒާމްތައް އެ ކޮމްޕްލެކްސްގައި ގާއިމް ކުރެވޭނެ ކަމަށް މިފްކޯ އިން ބުންޏެވެ. އަދި އެ ކޮމްޕްލެކްސް ގާއިމްކުރެވޭނީ ޒުވާނުންނަށާއި އެހެން ހުރިހާ އުމުރު ފުރައެއްގެ މީހުންނަށް 200 ވަޒީފާގެ ފުރުސަތާ އެކު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.