ދުވަސްތަކަކަށް ހުއްޓިފައި އޮތުމަށް ފަހު އައްޑޫ ސިޓީގެ ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއުގެ އަަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަލުން މިރޭ އިފްތިތާހު ކޮށްދެއްވައިފި އެވެ.

އެ މަޝްރޫއު އިފްތިތާހު ކޮށްދެއްވީ މިރޭ ހުޅުދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވައިރަމަންޓްގް މިނިސްޓަރު ތޯރިގް އިބްރާހިމް މިރޭ ވިދާޅުވީ އައްޑޫ ސިޓީގައި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ސަދަން ޔުޓިލިޓީސް އާއި އިނގިރޭސިވިލާތުގެ ބައިވޯޓާ ކުންފުންޏާ ހަވާލުކޮށްގެން ފެށި މަޝްރޫއެއް ކަމަށެވެ.

ނަމަވެސް އެ މަޝްރޫއުގެ މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު އަލުން މި ސަރުކާރުން އެ މަސައްކަތް ކުރުމަށް 600 މިލިއަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި މިރޭ ފެށި އެ މަޝްރޫއުގެ މަސައްކަތް އަންނަ އަހަރު ނިމޭއިރު އައްޑޫގެ ރައްޔިތުންނަށް ސާފު ބޯފެން ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވީ މުޅި މަޝްރޫއަކީ ސަދަން ޔުޓިލިޓީޒް އިން 15 މިލިއަން ޑޮލަރު އަދި ބައިވޯޓާ އިން 27 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރުމަށް ނިންމި މަޝްރޫއެއް ކަމަށާއި ނަމަވެސް އެ މަޝްރޫގެ އެއްބަސްވުން ނިމުމަކަށް ގެނައި އިރު އެ މަސައްކަތަށް ބައިވޯޓާ ކުންފުނިން އެއްވެސް މިންވަރެއް ހަރަދުކޮށްފައިނުވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"މި މަސައްކަތް ސަދަން ޔުޓިލިޓީޒް މެދުވެރިކޮށް އޭރު ހަވާލުކުރި ބައިވޯޓާ ކުންފުންޏާ އެކު ވެވުނު އެއްބަސްވުގައިވާ ގޮތުން އައްޑޫ ސިޓީ އާއި ފޯއްމުލަކުގެ ނަރުދަމާ ޑިޒައިންކޮށް އަމަލީ މަސައްކަތްތައް ކޮށް ނިންމަން އެއްބަސްވެފައިވޭ. އެހެން ނަމަވެސް އެ ޕްރޮޖެކްޓަށް ހަމައެކަނި ހަރަދުކޮށްފައި ވަނީ އޭރުގެ ސަރުކާރުން ކޮމާސަލް ލޯނެއް ނެގުމަށް ފަހު ސަދަން ޔުޓިލިޓީޒް ދެއްކި 15 މިލިއަން ޑޮލަރު. ނަމަވެސް ބައިވޯޓާ އިން އިތުރަށް ހަރަދުކުރަން ޖެހޭ 27 މިލިއަން ޑޮލަރު ހަަރަދު ނުކޮށް، އެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ސަދަން ޔުޓިލިޓީޒްގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފައި،" ތޯރިގް ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވީ ސަރުކާރުން ސަދަން ޔުޓިލިޓީޒް ކުންފުންޏަށް ދިން 15 މިލިއަން ޑޮލަރު ހުސްވި އިރު ބައިވޯޓާ ކުންފުނިންކޮށްފައިވާ މަސައްކަތަކީ ހަަމައެކަނި އައްޑޫ ސިޓީގެ ހިތަދޫ މެދުތެރޭގައި ނަރުދަމާގެ ބައެއް ގާއިމް ކުރުމާއި ފެނުގެ ނިޒާމުގެ ވަރަށް މިންވަރެއްގެ މަސައްކަތް ކަމަށެވެ. އަދި ފެނާއި ނަރުދަމާގެ ނިޒާމުގެ ޑިޒައިންގެ މަަސައްކަތަށް ސަދަން ޔުޓިލިޓީޒް އިން ބައިވޯޓާ ކުންފުންޏަށް ތިން މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެ އަދަދަކީ ސަރުކާރުން ފެނުގެ ނިޒާމުގެ މަސައްކަތް ނިންމުމަށް ފެނަކަ ކޯޕަރޭޝަނަށް ލޭބާ ކޮސްޓްގެ ގޮތުގައިި މިސަރުކާރުން މިހާރު ދައްކަން ޖެހޭ 35 މިލިއަން ރުފިޔާ އަށްވުރެ ވެސް ބޮޑު އަދަދެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ މަޝްރޫގެ މަސައްކަތް އަލުން ފަށައިގެން ކުރިއަށް ގެންދަނީ ދައުލަތުގެ ބަޖެޓުންނާއި ސަރުކާރުން ނަގާ ލޯނުން ހަރަދުކޮށްގެން ކަމަށް ތޯރިގް ވިދާޅުވި އެވެ. އަދި އެ މަޝްރޫގެ ދަށުން ހިތަދޫ ފިޔަވައި އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމަށް ބޭނުންވާ ފައިސާ އޯޕެކް ފަންޑު ފޯ ޑިވޮލޮޕްމަންޓުން ހޯދައިފައިވާ ކަމަށް ވިދާޅުވިި އެވެ.

އެ މަޝްރޫގެ ދަށުން ހިތަދޫ ފިޔަވައި އެހެން ރަށްރަށުގެ ނަރުދަމާގެ ނިޒާމް ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމަށް މިހާރު ވަނީ އިޢުލާންކޮށްފަ އެވެ. އަދި ހިތަދޫ ދެކުނާއި އުތުރު ސަރަހައްދުގައި ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި ފައިސާ ހިމަނާފައިވާ ކަމަށް ވެސް ތޯރިގް ވިދާޅުވި އެވެ. އެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތް ޖެނުއަރީ މަހު އިޢުލާން ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.