28 Dec 2014, 21:35
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު، އަދި އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފުގެ ނަމުގައި ނ. އަތޮޅުގައި ކުރިޔަށް ގެންދާ "ޢަލީ މައުރޫފު އިންވިޓޭޝަނަލް ފުޓުބޯޅަ ޓޯނަމެންޓް" ގައި އިއްޔެ ހަވީރު ކުޅުނު މެޗު މަނަދޫ އަދި މިއަދު ހަވީރު ކުޅުނު މެޗު މާޅެންދޫ ކާމިޔާބުކޮށްފި އެވެ.

މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗު މަނަދޫން ކާމިޔާބު ކުރީ ކެނދިކުޅުދޫ ޔުނައިޓެޑާ ބައްދަލުކޮށް 2-0 އިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މަނަދޫ ޓީމުގެ ޖޯޒީ ނަންބަރު 15، އަހުމަދު ރިޝާދު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާ އަށް އިނާމު ދެއްވީ ނ. އަތޮޅު ކައުންސިލްގެ ރައީސް އަލީ ޝަރީފު އެވެ. މިއަދު ހަވީރު ކުޅުނު މެޗު މާޅެންދޫން ކާމިޔާބުކުރީ ޅޮހި ޓީމާ ބައްދަލުކޮށް 1-0 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާ ގެ މަގާމަށް ހޮވުނު މާޅެންދޫ ޓީމުގެ ޖޯޒީ ނަންބަރު 20، މުހައްމަދު ނައުފަލު ހަސަން އަށް އިނާމުދެއްވީ ނ. އަތޮޅުގައި ހުންނަވާ ފުލުހުންގެ ކޮމާންޑަރު ސްޓާފް ސާޖެންޓް، އަހުމަދު އާތިފް އެވެ.

މި މުބާރާތުގެ މިހާ ހިސާބަށް އައި އިރު، ސެމީ ފައިނަލުގެ ޖާގަތައް ވަނީ ކަށަވަރުވެފަ އެވެ. އެއީ ގުރޫޕު އޭ އިން ކުޑަފަރީ އާއި މާޅެންދޫ، ގުރޫޕު ބީ އިން މަނަދޫ އަދި ލަންދޫ އެވެ.
މި މުބާރާތުގެ މެޗުތައް ކުރިޔަށް ދަނީ ނ. ކުޑަފަރީ ރަސްމީ ބޯޅަ ދަނޑުގަ އެވެ.

މި މުބާރާތުގައި ވާދަކުރަނީ ޖުމުލަ އަށް ޓީމެވެ. އެއީ، ކުޑަފަރީ އާއި މާޅެންދޫ އާއި ހެނބަދޫ އާއި ލަންދޫ އާއި މަނަދޫ އަދި ޅޮހި މީން ކޮންމެ ރަށަކުން އެއް ޓީމާއި ކެނދިކުޅުދޫ އިން ދެ ޓީމެވެ. ކެނދިކުޅުދޫން ވާދަކުރަނީ ކޭކޭ ސްޓާ އަދި ކޭކޭ ޔުނައިޓެޑެވެ.
ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ އަދި ރަނައަޕް ޓީމަށް 15،000 ރުފިޔާ އަލީ މައުރޫފު ވަނީ ހުށަހަޅުއްވައިފަ އެވެ.
