ޓޫރިސްޓް އެރައިވަލް ކައުންޓްޑައުން ޝޯ"ގައި ޕާފޯމް ކުރުމަށް ރާއްޖެއައުމަށް ހަމަޖެއްސި މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ޝޯން ޕޯލް ރާއްޖެ އައުން ކެންސަލްކޮށްފައިވާކަން އަންގާފައިނުވާކަމަށް އެ ޝޯ އިންތިޒާމް ކުރާ ޗޮޕް އާޓުން ބުނެފި އެވެ.

ޗޮޕް އާޓުގެ ޑިރެކްޓަރު މިހުސޯ އަބްދުއްސައްތާރު (މިހުސޯ) މިރޭ 'ސަން'އަށް ވިދާޅުވީ، ޝޯން ޕޯލް އެ ޝޯ ހުށައަޅައިދިނުމަށް ނާންނާނެކަން އަންގާފައިނުވާ ކަމަށެވެ. އަދި އެ ޝޯ ކެންސަލް ނުކުރާކަމަށް އޭނާ ވިދާޅުވި އެވެ.

"ޝޯގެ އެއްވެސް ބައެއް ކެންސަލް ކޮށްފައެއް ނުވާނެ، ޝޯން ޕޯލް ރާއްޖެ ނާންނަކަން އަނގާފައެއްވެސް ނުވޭ،" މިހުސޯ ވިދާޅުވި އެވެ.

ޝޯ ޕޯލް ރާއްޖެ އަންނާނެތޯ ތަކުރާރުކޮށް ސުވާލުކުރުމުން އޭނާ އެކަމަށް ޖަވާބެއް ދެއްވާފައިނުވާއިރު ވިދާޅުވީ "ޝޯ ކެންސަލް ނުކުރަން" ކަމަށެވެ.

ޖަމައިކާގެ އޮންލައިން ނޫހެއް ކަމަށްވާ އާރުޖޭއާރު އޮންލައިން ގައި ބުނެފައިނީ މަރުގެ އިންޒާރުގެ މެސެޖްތަކުގެ ސަބަބުން ޝޯން ޕޯލް ރާއްޖޭގައި ޕާފޯމް ނުކުރާގޮތަށް ނިންމާފައިވާ ކަމަށެވެ.

ސޫރިޔާގައި ހަރަކާތްތެރިވާ ޖަބުހަތުއް ނުސްރާއާއެކު ހަނގުރާމަކުރަމުން އަންނަ ދިވެހިންތަކެއް ހިންގާ ކަމަށް ބެލެވޭ ބިލާދުއް ޝާމް މީޑިއާގެ ލޯގޯ އާއެކު ޔޫޓިއުބުގައި އަޕްލޯޑްކުރި ވީޑިއޯގައި ބުނެފައި ވަނީ، ޝޯން ޕޯލް ރާއްޖެ އަތުވެއްޖެނަމަ ދެން ފެނިގެންދާނީ އޭނާގެ "ފުރާނަ ނެތް، ލެއިން ފޯވެ އަދި އަނދާފައިވާ މަސްގަނޑު" ކަމަށެވެ. ނަމަވެސް ޝޯން ޕޯލްއަށް މަރުގެ އިންޒާރުދީ އާއްމުކޮށްފައިވާ އެ ވީޑިއޯ އަކީ ސޫރިޔާގައި ތިބި ދިވެހި ހަނގުރާމަވެރިން ކުރި ކަމެއް ނޫން ކަމަށް އެމީހުން ފަހުން ވަނީ ބުނެފައެވެ.

ޝޯން ޕޯލް ރާއްޖެ އަންނާނެ ކަމާމެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި ދިވެހިން ފާޅުކުރަމުންދާ މެސެޖްތަކުން އޭނާދެކެ ދިވެހިންވާ ލޯތްބާއި އޭނާއަށް ކުރާ ތާއީދު އިހުސާސްކުރެވިއްޖެ ކަމަށް، ޕޮޕް ލަވަކިޔުންތެރިޔާ ޝޯން ޕޯލް ބުނެފައިވެއެވެ.