ޓޫރިސްޓް އެރައިވަލް ކައުންޓްޑައުން ޝޯ"ގައި ޕާފޯމް ކުރުމަށް ރާއްޖެއައުމަށް ހަމަޖެއްސި މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ޝޯން ޕޯލް ރާއްޖެ އައުން ކެންސަލްކޮށްފިކަމަށް ޖަމައިކާގެ އޮންލައިން ނޫހެއް ކަމަށްވާ އާރްޖޭއާރު ނިއުސް އިން ބުނެފި އެވެ.

އާރުޖޭއާރު އޮންލައިން ގައި ބުނެފައިނީ މަރުގެ އިންޒާރުގެ މެސެޖްތަކުގެ ސަބަބުން ޝޯން ޕޯލް ރާއްޖޭގައި ޕާފޯމް ނުކުރާގޮތަށް ނިންމާފައިވާ ކަމަށެވެ.

ދިވެހިން ފާޅުކުރަމުންދާ މެސެޖްތަކުން އޭނާދެކެ ދިވެހިންވާ ލޯތްބާއި އޭނާއަށް ކުރާ ތާއީދު އިހުސާސްކުރެވިއްޖެ ކަމަށް ޝޯން ޕޯލްގެ އޮފިޝަލް ފޭސްބުކް ޕޭޖުގައި މިއަދު އޭނާ ވަނީ ހާމަކޮށްފައެވެ.

ސޫރިޔާގައި ހަރަކާތްތެރިވާ ޖަބުހަތުއް ނުސްރާއާއެކު ހަނގުރާމަކުރަމުން އަންނަ ދިވެހިންތަކެއް ހިންގާ ކަމަށް ބެލެވޭ ބިލާދުއް ޝާމް މީޑިއާގެ ލޯގޯ އާއެކު ޔޫޓިއުބުގައި އަޕްލޯޑްކުރި ވީޑިއޯގައި ބުނެފައި ވަނީ، ޝޯން ޕޯލް ރާއްޖެ އައިފިނަމަ ދެން ފެނިގެންދާނީ އޭނާގެ "ފުރާނަ ނެތް، ލެއިން ފޯވެ އަދި އަނދާފައިވާ މަސްގަނޑު" ކަމަށެވެ.

ނަމަވެސް ޝޯން ޕޯލްއަށް މަރުގެ އިންޒާރުދީ އާއްމުކޮށްފައިވާ އެ ވީޑިއޯ އަކީ ސޫރިޔާގައި ތިބި ދިވެހި ހަނގުރާމަވެރިން ކުރި ކަމެއް ނޫން ކަމަށް އެމީހުން ފަހުން ވަނީ ބުނެފައެވެ.

އާރްޖޭއާރު ނިއުސްގައި ޝޯން ޕޯލް ރާއްޖެއައުން ކެންސަލް ކޮށްފައިވާ ކަމަށް ބުނި ނަމަވެސް ރާއްޖެއަށް އޭނާ ގެނައުމަށް މަސައްކަތްކުރާ ޗޮޕްއާޓްގެ ރަސްމީ ބަހެއް އަދި މިހާތަނަށް ލިބޭގޮތްވަނީ ނުވެފައެވެ.