ފުވައްމުލަކުގައި އިމިގްރޭޝަންގެ އޮފީހެއް ގާއިމްކޮށް ޕާސްޕޯޓުގެ ޚިދުމަތްދޭން ފަށައިފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފުވައްމުލަކުގައި އިމިގްރޭޝަންގެ އޮފީސް ހުޅުއްވައި ދެއްވައި ޕާސްޕޯޓްގެ ޚިދުމަތް ފައްޓަވައި ދެއްވީ ޑިފެންސް މިނިސްޓަރު ކާނަލްރިޓަރޔަރޑް މުޙައްމަދު ނާޒިމެވެ.

އިމިގްރޭޝަންގެ އޮފީސް ގާއިމްކުރެވިފައި ވަނީ، ފުވައްމުލަކު އަތޮޅު ކައުންސިލާއި އިންވެގެން ހުންނަ ފުވައްމުލަކު އަތޮޅުގެ ހުރި އިމާރާތުގައެވެ.

އިމިގްރޭޝަން އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ނާޒިމް ވިދާޅުވީ އެ އޮފީހުން ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފެއްޓި އިރު ބިދޭސީންނަށް ވިސާ ދޫކުރުމާއި ފައިސާ ބަލައިގަތުމުގެ ޚިދުމަތް ފިޔަވައި އެހެނިހެން ޚިދްމަތް ފޯރުކޮށްދެވޭނެ ކަމަށެވެ.

ސަރުކާރުން އެރަށަށް ދެމުން އަންނަ އެކިއެކި ޚިދުމަތްތަކަށް އަލިއަޅުވާލައްވައި މިނިސްޓަރު ނާޒިމް ވިދާޅުވީ ފުވައްމުލަކު ކައުންސިލުން އެދުނު ފަދައިން ހޮސްޕިޓަލަށް ދެ ގައިނީ ޑޮކްޓަރުންނާއި ހޭނައްތާ ޑޮކްޓަރަކު މިހާރުވާނީ ހޯދާދީފައިވާ ކަމަށެވެ. އަދި ދާދި އަވަހަށް ކުޑަކުދީންގެ ޑޮކްޓަރަކު ފުވައްމުލަކު ހޮސްޕިޓަލަށް ހަމަޖެހިގެން ދާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ފުވައްމުލަކު ކައުންސިލުން އެދިލައްވާފައިވާ ފަދައިން ކައުންސިލްގެ ބަޖެޓްގައި ފައިސާ ހުރިނަމަ، ހޮސްޕިޓަލުގައި ޕްރައިވެޓް ވޯޑެއް ގާއިމްކުރުމުގެ މަސައްކަތްވެސް ކޮށްދެއްވާނެ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.