04 Feb 2011, 14:05
މަނީޗޭންޖަރު ކަމުގެ ލައިސަންސް ލިބިގެން ބޭރު ފައިސާ ގަނެވިއްކާ ފަރާތްތަކުން މަނިޓަރީ ގަވާއިދަށް އަމަލުކުރޭތޯ ބެލުމުގެ މަސައްކަތް މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފަށައިފި އެވެ.
ސެންޓްރަލް ބޭންކުން ނެރުނު އިއުލާނެއްގައި ބުނަނީ، މަނިޓަރީ ގަވާއިދާއި މަނީޗޭންޖަރު ކަމުގެ ލައިސަންސް ލިބިގެން ބޭރުފައިސާ ގަނެވިއްކާ ފަރާތްތަކުން ކަންތައް ކުރަމުންދަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމަށް އެ ވިޔަފާރިކުރާ ތަންތަނަށް އެމްއެމްއޭގެ މުވައްޒިފުން ދާނެ ކަމަށެވެ. ބައެއް ފަހަރު މުވައްޒަފުން ފޮނުވާނީ އެ ވިޔަފާރިކުރާ ތަންތަނަށް ކުރިން އެނގުމަކާ ނުލައި ކަމަށް ވެސް އެމްއެމްއޭން ބުންޏެވެ.
އަދި އެގޮތަށް ގޮސް ޗެކުކުރާއިރު ގަވާއިދާ ހިލާފަށް ހުންނަ ތަންތަނާ މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެ އެވެ.
މާޗް 1 ، 1987 ކުން ފެށިގެން އަމަލުކުރަމުން އަންނަ މަނިޓަރީގެ ގަވާއިދުގައި ބުނަނީ ގަވާއިދާ ހިލާފުވާ ފަރާތްތައް 2000ރ. އާ 10،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ 2000ރ. އާއި އެ ކުށެއްގައި ހިމެނޭ ފައިސާގެ އަދަދުގެ ފަސް ގުނަ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ސެންޓްރަލް ބޭންކަށް ލިބިދީފައިވާ ކަމަށެވެ.
ބޭރުފައިސާ ގަނެވިއްކުމަށް ހުއްދަ ދީފައިވާ ތަންތަނުގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، އެ ބޭރު ފައިސާ ގަނެވިއްކާ ރޭޓްތައް އާންމުކޮށް ފެންނާނެހެން ބެހެއްޓުމާއި، ބޭރުފައިސާގެ ވިޔަފާރި ކުރާ ތަންތަނުގައި "މަނީޗޭންޖާ" ތާނައިންނާއި އިނގިރޭސިން، މީހުންނަށް ފެންނާނެ ގޮތަށް ލިޔެފައި ބެހެއްޓުމާއި ފައިސާ ބަދަލުކުރުމަށްފަހު ރަސީދު ދިނުމާއި އަދި ވިޔަފާރީގެ ހިސާބުތައް އެމްއެމްއޭ އިން ބޭނުންވެއްޖެ ހިނދެއްގައި ލިބޭނެ ގޮތަށް ހުރުން ހިމެނެ އެވެ.
އެމެރިކާ ޑޮލަރެއްގެ ގަންނަ އަގުކަމަށް އެމްއެމްއޭ އިން ކަނޑައަޅާފައި ވަނީ 12.75ރ. އެވެ. އަދި ވިއްކާ އަގަކީ 12.85ރ. އެވެ. އެހެންނަމަވެސް މިދިޔަ އަހަރުން ފެށިގެން ރާއްޖޭގައި ވަނީ ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި 14ރ. އަށް ވުރެ މައްޗަށް ޑޮލަރުގެ އަގު ބާޒާރުގައި އުފުލިފަ އެވެ.