28 Dec 2014, 19:29
އިނގިލީގެ ނިޝާންގެ ސައްހަކަން ދެނަގަތުމަށް އިލެކްޝަންސް ކޮމިޝަނުން ފުލުހުންނަށް ހަވާލުކޮށްފައިވާ ފޯމްތައް އަންނަ ހަފްތާގައި ނިންމާލެވޭނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.
ޝަހީދު ހުސައިން އާދަމް ބިލްޑިންގްގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއެކު ފުލުހުން މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް ވިދާޅުވީ، މިއަހަރު އަދި މީގެ ކުރީގެ އަހަރުތަކުގައިވެސް ދިމާވެފައި ހުރި ކަންތައްތަކަށް ނަޒަރު ހިންގާލުމަކީ މި ފެށޭ އަހަރަށް ތައްޔާރު ވުމަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
ސިޔާސީ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ހުރި ފޯމުތައް ވެރިފައި ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއާއި ގުޅިގެން ކުރަމުންދާ މަސައްކަތް ކުރިއަށްދާ ގޮތާއި ބެހޭ ގޮތުން މިއަދުގެ އެ ބައްދަލުވުމުގައި ވަނީ މަޝްވަރާ ކޮށްފައެވެ.
ކޮމިޝަނަރު އޮފް ޕޮލިސްގެ ވާހަކަފުޅުގައި ފުލުހުންނާއި އިލެކްޝަންސް ކޮމިޝަންސްއާ ގުޅިގެން ކުރަން ޖެހޭ މަސައްކަތްތަކުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން އެންމެ ފުރިހަމަ އެއްބާރުލުން، އަބަދުވެސް ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވި އެވެ.
މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނަކީ ސިޔާސީ ޕާޓީތަކުގެ ބަލަދުވެރި ފަރާތަށް ވީހިނދު، ޤައުމުގެ އަމާންކަން ގެއްލިގެންދާ ފަދަ ގޮތަކަށް ސިޔާސީ ފަރާތްތަކުން ޤާނޫނުގެ އިމުން ބޭރުން ކުރާ ކަންތައްތަކަށް ކޮމިޝަނުން ސަމާލުވުމަށް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙިދު ވަނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
އިލެކްޝަންސް ކޮމިޝަނާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން މިބައްދަލުވުމުގައި މަޝްވަރާކުރެއްވި އެވެ. އަދި ދެފަރާތުން މަސައްކަތް ކުރުމުގައި އެހީތެރިވެވޭނެ ގޮތްތަކާއި ބެހޭ ގޮތުންވެސް މަޝްވަރާ ކުރެއްވި އެވެ. ފުލުހުން ބުނީ އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ އިލެކްޝަންސް ކޮމިޝަންގެ އިސްނެންގެވުމުގެ މަތިން ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ސުލައިމާން ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ ފަރާތުން އިލެކްޝަންސް ކޮމިޝަންގެ މަސައްކަތަށް ދެއްވާ އެއްބާރުލުން ފާހަގަ ކުރައްވައި ކުރިއަށް އޮތް ތަނުގައިވެސް ދެފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް ކޮމިޝަނުން އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ޤާނޫނު ނެޖެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތަށް އިލެކްޝަންސް ކޮމިޝަންގެ އެއްބާރުލުން ދެއްވާނޭ ކަމަށް ވިދާޅުވި އެވެ.