28 Dec 2014, 19:17
އެމެރިކާ އިސްނަގައިގެން އަފްގާނިސްތާނުގެ ތާލިބާނުންނާއި ދެކޮޅަށް ހަނގުރާމަ ކުރަން އުފެއްދި އިންޓަނޭޝަނަލް ސެކިއުރިޓީ އެސިސްޓެންސް ފޯސަސް (އައިސެފް) އިން އަފްގާނިސްތާނުގައި ކުރިއަށް ގެއްދިޔަ އަސްކަރީ ހަރަކާތްތައް ރަސްމީކޮށް ނިމުމަކަށް ގެނެސްފި އެވެ.
އެމެރިކާއިން އަފްގާނިސްތާނުގައި ހިންގި ހަރަކާތްތައް ރަސްމީކޮށް ނިންމާލުމަށް މިއަދު އެ ގައުމުގެ ވެރި ރަށް ކާބުލްގައި ރަސްމިއްޔާތެއް ބާއްވާފައި ވާއިރު، ތާލިބާނުންނާ ދެކޮޅަށް އަފްގާނިސްތާނުގެ ސަރުކާރުން ކުރަމުން އަންނަ ހަނގުރާމައިގައި ކުރިއަށް އޮތްތާ އެހީތެރިވުމަށް 'ރިސޮލިއުޓް ސަޕޯޓް'ގެ ނަމުގައި އެ ގައުމުގައި ވަނީ ބައިނަލްއަގްވާމީ ސިފައިންގެ ކުޑަ ލަޝްކަރެއް މަޑުކުރުމަށް ހަމަޖެހިފައެވެ.
ގާތްގަނޑަކަށް 13،500 ސިފައިންގެ މައްޗަށް އެކުލެވޭ އެ ލަޝްކަރުގެ މައިގަނޑު މަގްސަދަކަށް ވާނީ އަފްގާނިސްތާނުގެ ފުލުހުންނާއި ސިފައިން ތަމްރީނު ކުރުމުގެ އިތުރުން ތާލިބާނުންނާ ދެކޮޅަށް ހިންގާ ޖާސޫސީ މަސައްކަތްތަކުގައި އެހީތެރި ވުމެވެ.
އެކަމާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަމުން އައިސެފްގެ ޑެޕިއުޓީ ކޮމާންޑަރު ކާރސްޓަން ޖެކޮބްސަން ވިދާޅުވީ، ތާލިބާނުންނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އަދިވެސް އަފްގާނިސްތާނަށް އެހީތެރިކަން ބޭނުންވާ ކަމަށާއި، ނަމަވެސް ދެން އެ އެހީތެރިކަން ލިބިގެން ދާނީ 'ރިސޮލިއުޓް ސަޕޯޓް'ގެ ފަރާތުން ކަމަށެވެ. އަދި ކުރިން ކަންތައް ކުރި ފަދައިން ދެން އެ ހަނގުރާމައިގައި އައިސެފުން ބައިވެރި ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ގިނަ އަދަދަކަށް އެމެރިކާ ސިފައިން ހިމެނޭ 'ރިސޮލިއުޓް ސަޕޯޓް' އަކީ އަފްގާނިސްތާނުގެ ސަރުކާރާއި ނޭޓޯ އަދި އެމެރިކާއާ މެދު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން އެ ގައުމުގައި މަޑުކުރަން ހަމަޖެހިފައިވާ ލަޝްކަރެކެވެ. އެ ލަޝްކަރުގައި ހިމެނޭ އެމެރިކާ ސިފައިން ތާލިބާނުންނާ ދެކޮޅަށް ކުރާ ޖާސޫސީ ހަނގުރާމައިގައި އަފްގާނިސްތާނުގެ އަސްކަރީ ބާރުތަކަށް އެހީތެރިވެދޭން ހަމަޖެހިފައި ވާއިރު، އެ ލަޝްކަރުގައި ހިމެނޭ ނޭޓޯ ސިފައިން ހަރަކާތްތެރިވާން ހަމަޖެހިފައި ވަނީ އަފްގާނިސްތާނުގެ ސިފައިންނާއި ލަޝްކަރު ތަމްރީނު ކުރުމުގައެވެ.
މި ބަދަލާއެކު އަފްގާނިސްތާނުން ތާލިބާނުންނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ބޮޑު ރޯލެއް އަދާކުރާނީ އަފްގާނިސްތާނުގެ އަސްކަރިއްޔާއިންނެވެ. އަދި މިއަހަރުތެރޭ ތާލިބާނުންނާ ދެކޮޅަށް ހިންގި އަސްކަރީ ހަރަކާތްތަކުގެ 90 އިންސައްތަ އަފްގާނިސްތާނު ސިފައިން އަދާކޮށްފައި ވާއިރު، އަފްގާނިސްތާނުން ވަނީ ތާލިބާނުންނަށް މިއަހަރުތެރޭ އިތުރު ބިންތަކެއް ހިފިޔަ ނުދީ ހިފައްޓާފައެވެ.
އެކަމާ ގުޅޭ ގޮތުން އަފްގާނިސްތާނުގެ ޑިފެންސް މިނިސްޓރީގެ އަސްކަރީ ހަރަކާތްތަކާ ބެހޭ އިސް ކޮމާންޑަރު ވިދާޅުވީ، ތާލިބާނުންގެ ސަބަބުން އަދިވެސް އަފްގާނިސްތާނަށް ނުރައްކާތަކެއް ހުރި ނަމަވެސް، އެކަމުގެ ޒިންމާއަކީ އަބަދު އެހެން ބައެއްގެ އަތްމައްޗަށް ދޫކޮށްލައިގެން ތިބެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އަމިއްލަ ގައުމުގެ ސަލާމަތަށް އަފްގާނިސްތާނު މިހާރު ޒިންމާވާންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.