މެލޭޝިޔާ އަށް ކުރަމުންދާ ވިއްސާރާގައި 10 މީހަކު މަރުވެ 160،000 މީހުންގެ ގެދޮރަށް ގެއްލުން ވެއްޖެ އެވެ.

ރޮއިޓާސް އިން މިއަދު ބުނީ ވޭތުވެ ދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި މިއީ މެލޭޝިޔާ އަށް އެންމެ ބޯކޮށް ވާރޭ ވެހުނު ފަހަރު ކަމަށާއި އަދި ކުރިއަށް ވެސް އޮތީ ވިއްސާރަ ކަމަށެވެ.

އެންމެ ބޮޑަށް ވިއްސާރަ ކުރާ ކެލަންޓަން ސްޓޭޓުން ފަސް މީހަކު ޒަހަމުވެފައިވާ ކަމަށާއި އަދި މި މަހު މެދެއްހާ ތަނުގައި ކުރަން ފެށި ވިއްސާރާގައި މެލޭޝިޔާ އާއި ތައިލެންޑް ބޯޑަރު ސަރަހައްދުން ތައިލޭންޑްގެ 14 މީހަކު ވެސް މަރުވެފައިވާ ކަމަށެވެ.

އެެމެރިކާގެ ހަވާއީގައި ޗުއްޓީއެއް ހޭދަ ކުރެެއްވުމަށް ފަހު ޗުއްޓީ ކުރުކޮށްލައްވައި މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ވަނީ ގައުމަށް ވަޑައިގެން ހަފްތާގެ ބަންދުގައި ކަލަންޓަން ސްޓޭޓް އަށް ޒިޔާރަތް ކުރައްވައިފަ އެވެ.

ގައުމުގައި ފެންބޮޑުވެފައި ވަނިކޮށް ބޮޑު ވަޒީރު އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާ އެކު ހަވާއީގައި ގޮލްފް ކުޅުއްވަން އުޅުއްވި ފޮޓޯއެއް އާންމުވުމުން މެލޭޝިޔާގައި ރައްޒާގަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

ހުޅަނގު މޫސުމުގެ ވިއްސާރާގައި މެލޭޝިޔާގެ ހުޅަނގަށާއި ތައިލެންޑްގެ ދެކުނަށް ބޯކޮށް ވާރޭ ވެހުމަކީ އާންމު ކަމެކެވެ. އެހެން ނަމަވެސް މިފަހަރުގެ ވާރޭއަކީ އާދަޔާ ހިލާފު ވާރޭއެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.