ލޮލުގެ ބަލިތަކަށް ހިލޭ ފަރުވާ ދިނުމަށް "މަހަލްދީބް ފީމާ ސޭވް ވިޝަން" ގެ ނަމުގައި މާލޭގައި އައި ކޭމްޕެއް ބާއްވަން ނިންމައިފިއެވެ.

މަހަލްދީބު ފައުންޑޭޝަނުނާއި ޕާކިސްތާނުގެ ފީމާ ސޭވް ވިޝަންއާއި ސައުދީ އަރަބިއްޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ރިލީފް އޯރގަނައިޒޭޝަން އަދި މިނިސްޓްރީ އޮފް ހެތް ގުޅިގެން ފެށޭ މަހު ހަތަރަކުން އަށަކަށް ބޭއްވުމަށް ހަމަޖެހިފައިވާ މި އައި ކޭމްޕް ގައި ލޮލުގެ ފުސްކެހުމާއި، ލެންސް ލެއްވުވުމުގެ އިތުރުން ލޮލުގެ ހުރިހާ ފަރުވާ އެއް ދިނުމަށް ވަނީ ހަމަ ޖެހިފައެވެ. އަދި އެއިން އެއްވެސް ކަމަކަށް އަގު ނުނަގާނެ ކަމަށް މަހަލްދީބު ފައުންޑޭޝަނުން ވަނީ ބުނެފައެވެ.

އެ ފައުންޑޭޝަންގެ ނައިބު ރައީސް އަބްދުލް ހާދީ މިއަދު 'ސަން' އަށް ވިދާޅުވީ މި އައި ކޭމްޕަކީ ރައްޔިތުންނަށް ހިލޭ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ މަގްސަދުގައި ކުރިއަށްގެންދާ ކޭމްޕެއް ކަމަށެވެ. އަދި މި ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު އަތޮޅުތަކުގެ ރައްޔިތުންނަށްވެސް ލިބިގެން ދާނެ ކަމަށް ހާދީ ވިދާޅުވިއެވެ.

ހާދީ ވިދާޅުވީ މިއަދުގެ މިހާތަނަށް 754 ހަތަރު މީހުން ފަރުވާއަށް އެދި ރެޖިސްޓްރީކޮށްފައި ވާކަމަށެވެ.

ސައުދި އަރަބިއާ އަދި ޕާކިސްތާނުގެ ލޮލުގެ ބަލިތަކާ ގުޅޭ ތަޖުރިބާކާރުން ފަރުވާ ދިނުމަށް ހަމަޖެހިފައިވާ އެ ކޭމްޕުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ބޭފުޅުން ސިއްހީ މަރުކަޒުތަކާއި، އަތޮޅު ހޮސްޕިޓަލް ތަކާއި، ރީޖަނަލް ހޮސްޕިޓަލުންނާއި، ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން ދަމަވެށީގައި ރެޖިސްޓްރީ ކުރެއްވުމަށް މަހަލްދީބު ފައުންޑޭޝަނުން ވަނީ ބުނެފައެވެ.

މީގެ އިތުރުން 3350037 އަދި 3318901 މި ނަންބަރަށް ގުޅުމުންވެސް ރެޖިސްޓްރީ ކުރެވޭނެކަމަށް ވެސް އެ ފައުންޑޭޝަނުން ވަނީ ބުނެފައެވެ.