ޓޫރިސްޓް އެރައިވަލް ކައުންޓްޑައުން ޝޯ"ގައި ޕާފޯމް ކުރާ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ޝޯން ޕޯލްއަށް ދިން އިންޒާރަކީ ސުލްހަވެރި، އަމާން، ރައްކާތެރި ގައުމެއްގެ ގޮތުގައި ޒަމާނުއްސުރެ ރާއްޖޭން ދަމަހައްޓަމުން ގެންދާ ނަން ކިލަނބު ކުރުމުގެ މަގްސަދުގައި ކޮށްފައިވާ ކަމެއް ކަމަށް ސަރުކަރުން ބުނެފި އެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ޝޯން ޕޯލްއަށް ދީފައިވާ އިންޒާރު ތަހުގީގުކޮށްފައިވާ ކަމަށާއި އެ ތަހުގީގުން ހާމަވި ގޮތުގައި ޝޯން ޕޯލްއަށް ދިން އިންޒާރަކީ ރާއްޖެ ޒިޔާރަތް ކުރާ މީހުން ބިރު ގަންނުވަން ދިން އިންޒާރެއް ކަމަށެވެ. އަދި ޝޯން ޕޯލް ރާއްޖެ އައުމަށް އެދިއެދި ތިބި އެތައް ހާސް މީހުންގެ ހިތުގައި ބިރުވެރިކަމާ ހިތް ނުތަނަވަސްކަން އުފެއްދުމަށް ކޮށްފައިވާ ކަމެއް ކަމަށް އެ ތަހުގީގުން ހާމަވާ ކަމަށް ވެސް ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

"ތަހުގީގުން ހާމަވީ އެއީ ސުލްހަވެރި، އަމާން، ރައްކާތެރި ގައުމެއްގެ ގޮތުގައި ޒަމާނުއްސުރެ ރާއްޖޭން ދަމަހައްޓަމުން ގެންދާ ނަން ކިލަނބު ކުރުމުގެ މަގްސަދުގައި ކޮށްފައިވާ ކަމެއް ކަން." ރައީސް އޮފީހުގެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ވަނީ ޝޯން ޕޯލްގެ ކޮންސެޓަކީ ކާމިޔާބު ކޮންސެޓެއްގެ ގޮތުގައި ހެދުމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ސަރުކާރުން އަޅާނެ ކަމަށެވެ. އަދި ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަރުކާރުން ބޮޑު އިސްކަމެއްދޭ ކަމުގައިވެސް އެ ބަޔާނުގައި ވެއެވެ.

ހަމައެއާއެކު ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ރާއްޖެ އަކީ އެންމެ ރައްކާތެރި އެއް މަންޒިލުގެ ގޮތުގައި ދެމި އޮތްކަމުގެ ޔަގީންކަން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ދިވެހި ސަރުކާރުން އަރުއްވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ސޫރިޔާގައި ހަރަކާތްތެރިވާ ޖަބުހަތުއް ނުސްރާއާއެކު ހަނގުރާމަކުރަމުން އަންނަ ދިވެހިންތަކެއް ހިންގާ ކަމަށް ބެލެވޭ ބިލާދުއް ޝާމް މީޑިއާގެ ލޯގޯ އާއެކު ޔޫޓިއުބުގައި އަޕްލޯޑްކުރި ވީޑިއޯގައި ބުނެފައި ވަނީ، ޝޯން ޕޯލް ރާއްޖެ އައިފިނަމަ ދެން ފެނިގެންދާނީ އޭނާގެ "ފުރާނަ ނެތް، ލެއިން ފޯވެ އަދި އަނދާފައިވާ މަސްގަނޑު" ކަމަށެވެ.

ނަމަވެސް ޝޯން ޕޯލްއަށް މަރުގެ އިންޒާރުދީ އާއްމުކޮށްފައިވާ އެ ވީޑިއޯ އަކީ ސޫރިޔާގައި ތިބި ދިވެހި ހަނގުރާމަވެރިން ކުރި ކަމެއް ނޫން ކަމަށް އެމީހުން ފަހުން ވަނީ ބުނެފައެވެ.