އަންނަ އަހަރު ނިމެންދެން ސަރުކާރުގެ ރަސްމީ ސިޓީތަކާއި އެކި ލިޔުންތަކުގައި މިނިވަން 50 ގެ ލޯގޯ އާއި ޝިއާރު ޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިލްތިމާސް ކުރައްވައިފި އެވެ.

ސަރުކާރު ހުރިހާ އިދާރާތަކުން ހިންގާ ހަރަކާތްތަކުގައިވެސް އެ ލޯގޯ އާއި ޝިއާރު ޖެއްސެވުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރައީސް އޮފީހުން ބުނީ ސަރުކާރުގެ ރަސްމީ އެކި ސިޓީތަކާއި އެކި ލިޔުންތަކުގައި ރަންޔޫބީލް އަހަރުގެ ލޯގޯއާއި ޝިއާރު ޖެއްސެވުމަށްޓަކައި ލޯގޯއާއި ޝިއާރުގެ ތައްގަނޑެއް ހެއްދެވުމާބެހޭގޮތުން ހޯމް މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް މައުލޫމާތު ދޭނެކަމަށެވެ. އަދި އެ މައުލޫމާތު ހޯމް މިނިސްޓްރީ އިން ދިނުމުން ރަންޔޫބީލް އަހަރުގެ ތައްގަނޑާއި ލޯގޯ ހެދުމަށްފަހު އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަހަރު ނިމެންދެން އެ ލޯގޯއާއި ތައްގަނޑު ބޭނުންކުރުމަށް ގެންދިޔުމަށް ރައީސް ޔާމީން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިނިވަން ފަންސާހުގެ ލޯގޯ އާއި ޝިއާރު ކަނޑައަޅާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ގައުމީ ދުވަހުގެ ޖަލްސާގައި އެވެ. މިނިވަން ފަންސާހުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ދިވެހީން ދިވެހީންގެ ގޮތުގައި – މިނިވަންކަންމަތީ އަބަދަށް" ށެވެ.