04 Feb 2011, 13:56
ކެންޑިޑޭސީ ބާތިލު ކުރި 11 ކެންޑިޑޭޓެއްގެ ނަން ވޯޓު ކަރުދާހުގައި ހިމެނިފައިވިޔަސް ވޯޓުލާން އަންނަ މީހާގެ ހާޒިރުގައި އެ ނަންތައް ވޯޓު ކަރުދާހުން ކަނޑައި އުނި ކުރާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.
އިލްކެޝަން ކޮމިޝަނުން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ މާދަމާ ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތި ލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން 29 ކެންޑިޑޭޓަކު އިންތިޚާބުގެ ކެންޑިޑޭޓުންގެ ގޮތުގައި ބައިވެރިވުމުގެ ހައްގު ލިބިގެންނުވާ މީހުން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާތީ، އެމީހުންގެ ނަން ކެންޑިޑޭޓުންގެ ލިސްޓުން އުނިކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން 11 ކެނޑިޑޭޓެއްގެ ނަން ވޯޓު ކަރުދާހުގައި ހިމަނައިގެން ވޯޓް ކަރުދާސް ޗާޕްކޮށްފައިވާ ކަމަށެވެ.
ކޮމިޝަނުން ބުނީ ކެންޑިޓުންގެ ގޮތުގައި ބައިވެރި ވުމުގެ ހައްގު ލިބިގެންނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކެންޑިޑޭޓެއް ވާދަކުރާ ދާއިރާއެއްގެ ވޯޓު ކަރުދާސް، ވޯޓު ލާން އަންނަ މީހާއަށް ދޫކުރުމުގެ ކުރިން ވޯޓުލާން އަންނަ މީހާގެ ހާޒިރުގައި އޭނާ އަށް ދައްކައިގެން ވޯޓްލާ މަރުކަޒުގެ ވެރިޔާ އެ ނަން ވޯޓު ކަރުދާހުން ކަނޑާނެ ކަމަށެވެ.
ބާތިލު ކުރު 29 ކެންޑިޑޭޓުންގެ ތެރެއިން ވޯޓު ކަރުދާހުގައި ނަން ހިމެނިފައި ވާ 11 ފަރާތަކީ ރ. އުނގޫފާރު ދާއިރާއިން އެ އަތޮޅު ކައުންސިލަށް ކުރިމަތިލެއްވި ރ. ހުޅުދުއްފާރު ފަތިސް ހަނދުވަރު، މުހައްމަދު ނަސީމާއި އދ. އޮމަދޫ ރަށު ކައުންސިލަރު ކަމަށް ކުރިމަތިލެއްވި އޮމަދޫ ގުލްފާމުގޭ އަހުމަދު ވަޖީހާއި ތ. ވޭމަންޑޫ ރަށު ކައުންސިލަށް ކުރިމަތިލެއްވި އެރަށު ގްލޯރީގޭ މޫސާ ޒައީމް އާއި ނ، މިލަދޫ ރަށު ކައުންސިލަށް ކުރިމަތިލެއްވި އެރަށު ނޫރަންގޭ ހަސަން މޫސާ އާއި ރ. އިންނަމާދޫ ރަށު ކައުންސިލަށް ކުރިމަތިލެއްވި އެރަށު ސެވީނާ އިބްރާހިމް ފަޔާޒު އާއި ނ. މާފަރު ރަށުކައުންސިލަށް ކުރިމަތިލެއްވި އެރަށު ރިހިފަސް، އަހުމަދު އަބްދުލް ގާދިރު އާއި ލ. އިސްދޫ ރަށު ކައުންސިލަށް ކުރިމަތިލެއްވި އެރަށު ސީސައިޑް މުހައްމަދު އާރިފާއި ރ. ހުޅުދުއްފާރު ރަށުކައުންސިލަށް ކުރިމަތިލެއްވި އެރަށު ހިލްމަން. ހަސަން ހަފީޒާއި ގއ. ދެއްވަދޫ ރަށުކައުންސިލަށް ކުރިމަތިލެއްވި އެރަށު ކެތި، އަބްދުﷲ ސައީދާއި ތުޅާދޫ ދާއިރާއިން ބ. އަތޮޅު ކައުންސިލަށް ކުރިމަތިލެއްވި ބ. ގޮއިދޫ ނޫރާނީ ވިލާ އަބްދުލް މުހުސިން އަލީ އާއި ރ. ކިނޮޅޮހު ރަށުކައުންސިލަށް ކުރިމަތިލެއްވި އެރަށު އެރަށު ކޮކާ ހިޔަނި މުހައްމަދު ޒިޔާދެވެ.