ލ. ގަމު އުމުރުން ދުވަސްވީ ފިރިހެނެއްގެ ގައިގައި ގާބުރިއަކުން ޖަހައި ޒަހަމްކޮށްލި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ 74 އަހަރުގެ އެ މީހާ އަށް ހަމަލާދީގެން ލ. ގަމު ތުނޑީ އަވަށުން ހައްޔަރުކޮށްފައި ވަނީ ތިން ފިރިހެނުން ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރު ކުރީ 24 އަހަރުގެ ދެ މީހުންނާއި 23 އަހަރުގެ މީހެއް ކަމަށެވެ. އަދި އެ ތިން މީހުންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ބުންޏެވެ.

ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް ގެނައި އިސްލާހަށް ފަހު ހިނގި މަައްސަލަ، މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ 24 އަހަރުގެ އެކަކު ތަހުގީގު ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ. އަދި އަނެއް ދެ މީހުންގެ ބަންދަށް 15 ދުވަސް ވަނީ ދީފަ އެވެ.

ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނަށް ދާދިފަހުން ގެނައި އިސްލާހަށް ފަހު ބަޔަކު ހައްޔަރު ކުރި މިއީ ފުރަތަމަ ފަހަރެވެ.

ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު ބުނާ ގޮތުން، ތޫނު ހަތިޔާރާއި ބިރުދެއްކުން ފަދަ ކަމެއް މީހަކު ހިންގައިފި ނަމަ އެ މީހަކު ހައްޔަރުކުރާ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެ މައްސަލަ ކޯޓަށް ހުށަހަޅަން ޖެހެ އެވެ. އަދި ކޯޓަށް ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި މައްސަލަ ނިންމަން ވެސް ޖެހެ އެވެ.

މިހާރު ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ސަބަބުން އެ ގާނޫނުގައި ބަޔާންކުރާ އެއްވެސް ކުށެއްގައި ހައްޔަރު ކުރެވޭ މީހަކަށް ތަހުގީގު މަރުހަލާގައި ހަނު ހުރުމުގެ ހައްގެއް ނޯންނާނެ އެވެ. އަދި ވަކީލާ އެކު ވަކިން ބައްދަލު ކުރެވޭނީ ވެސް ހައްޔަރުކުރާތާ 96 ގަޑިއިރަށް ފަހު ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.