މާލެއަށް ދިމާވެފައިވާ ކުނީގެ މައްސަލާގައި ކުނި ނައްތާލުމުގައި ސިޓީ ކައުންސިލުން ގަވާއިދާ ހިލާފަށް އަމަލުކުރަމުން ގެންދާ ކަމަށާއި އެ މައްސަލާގައި ފުލުހުން މެދުވެރިކޮށް ސިޓީ ކައުންސިލަށް ފިޔަވަޅު އެޅުމަށް ތައްޔާރުވަމުންދާ ކަމަށް އެންވަޔަރަމަންޓު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް މިއަދު "ސަން" އަށް ވިދާޅުވީ މާލޭގައި އުފެދޭ ކުނިތައް ސިޓީ ކައުންސިލުން އެއްކުރުމަށް ފަހު ތިލަފުއްޓަށް ގެންދިއުމަށް އަޅަމުން ދަނީ ދޯންޏަކަށް ކަމަށާއި އެދޯނިން ކުނިތައް ފައިބައި މާލެ ފަޅުތެރެއަށް ކުނި އެޅެމުންދާ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ވާނީ ތަކުރާރުކޮށް ސިޓީ ކައުންސިލަށް އަންގާފައި އެގޮތަށް ކުނި ނުގެންދިއުމަށް. އެގޮތަށް ކުނި ގެންދިއުމުން މާލެ ފަޅުތެރެއަށް ކުނި އެޅިގެން މިދަނީ. އެހެންވީމާ އަޅުގަނޑުމެން އެންމެ ފަހުން ބުނެފައި ވާނީ ދެން ފުލުހުން ލައްވާއޭ ފިޔަވަޅު އަޅަމުންދާނީ." ނައީމް ވިދާޅުވި އެވެ.

އިތުރަށް ނައީމް ވިދާޅުވީ ސިޓީ ކައުންސިލްގެ އިތުރުން ކުނި އުފުލާ ފަރާތްތަކުން ގަވާއިދާ ހިލާފަށް އެކަން ކުރައްވާ ކަމަށްވާ ނަމަ ފުލުހުން މެދުވެރިކޮށް ފިޔަވަޅު އަޅާނެ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު މިއަދު "ސަން" އަށް ވިދާޅުވީ އީޕީއޭ އިން ސިޓީ ކައުންސިލަށް އެއްވެސް ސިޓީއެއް އެމައްސަލައާ ގުޅޭ ގޮތުން ފޮނުވާފައި ނުވާ ކަމަށެވެ. އަދި އެކަން ޝިފާ ވަނީ ދޮގުކުރައްވައިފަ އެވެ.