28 Dec 2014, 14:52
ޗެލްސީގެ ކެޕްޓަންކަން އަދާކުރަމުން އަންނަ ޖޯން ޓެރީއަށް އާ ކޮންޓްރެކްޓެއް ހުށައަޅާނެ ކަމަށާއި، އޭނާ ޗެލްސީގައި މަޑުކުރާނެ ކަމުގެ ޔަގީންކަން އެބޮތް ކަމަށް ޗެލްސީގެ ކޯޗް ހޯޒޭ މޮރީނިއޯ ބުނެފި އެވެ.
މޮރީނިއޯ ބުނީ ޓެރީ އަށް އާ ކޮންޓްރެކްޓެއް ކްލަބުން ހުށައަޅާނެކަން ޓޮރޭޒަށްވެސް އިނގޭނެ ކަމަށާއި އޭނާ ކްލަބުގައި މަޑުކުރާނެ ކަމާ މެދު ޝައްކު ނުކުރާ ކަމަށެވެ. އަދި ޓޮރޭޒް އަކީ ޗެލްސީ އަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި އެނާ ޗެލްސީ އަށް ކުޅެނީ ވަރަށް ކުޅޭ ހިތުން ކަމަށްވެސް މޮރީނިއޯ ބުންޏެވެ.
"ޓެރީ އަކީ ޗެލްސީއަށް ވަރަށް މުހިންމު ކުޅުންތެރިއެއް. ޗެލްސީން އޭނާ އަށް އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ހުށައަޅާނެ. އަދި އޭނާ ޗެލްސީގައި މަޑުކުރާނެ ކަމާ މެދު އަހަރެން ޝައްކެއް ނުކުރަން. ޗެލްސީ އަށް ޓެރީ ކުޅެނީ ވަރަށް ކުޅޭ ހިތުން. އަދި މި ކްލަބުގައި އޭނާ މަޑުކުރަނީ އޭނާ ވަރަށް ހިންހަމަ ޖެހޭތީ،" މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ ބުނީ ޓެރީ އާއި ޓީމްގެ އެހެން ކުޅުންތެރިންނާ ވަރަށް ގުޅޭ ކަމަށާއި ޓީމްގެ މެނޭޖްމަންޓާ އޭނާއާމެދު ވެސް އޮންނަނީ ވަރަށް ބަދަހި ގުޅުމެއް ކަމަށެވެ. އަދި ޗެލްސީން އޭނާ އަށް އާ ކޮންޓްރެކްޓެއް ހުށައަޅާނެ ކަން އެއީ ސުވާލު ވެސް އުފައްދަން ޖެހޭ ވަރުގެ ކަމެއް ނޫންކަމަށް މޮރީނިއޯ ބުންޏެވެ. އުމުރުން 34 އަހަރުގެ ޓެރީއަށް އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ހުށައަޅާނެ ކަމަށް މޮރިނިއޯ ބުނެފައިވާ އިރު، ޗެލްސީން ކުޅުންތެރިންގެ ކޮންޓްރެކްޓް ހެދުމުގައި 30 އަހަރަށް ވުރެ ދުވަސް ވެފައިވާ ކުޅުންތެރިއެއް ނަމަ، އެ ކްލަބުން ހުށައަޅަނީ އެ ކުޅުންތެރިޔާގެ ކޮންޓްރެކްޓަށް އެއް އަހަރު ދުވަހުގެ އެކްސްޓެންޝަނެކެވެ.
ޓެރީ 1998 ވަނަ އަހަރު އޭނާގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއަރު ފަށާފައި ވަނީވެސް ޗެލްސީންނެވެ. އަދި 2000 ވަނަ އަހަރު ލޯން ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ނޮޓިންގަމް ފޮރެސްޓަށް ކުޅެދީފައިވާ އިރު، އޭނާ ވަނީ އޭގެ ފަހުން އަނެއްކާވެސް ޗެލްސީއާ ގުޅި އެ ކްލަބަށް ވޭތުވެދިޔަ 16 އަހަރު ކުޅެދީފަ އެވެ. ޗެލްސީގައި ސެންޓާ ޑިފެންޑަރެއްގެ މަގާމް އަދާކުރަމުން އަންނަ ޓެރީ މިހާތަނަށް އެ ޓީމަށް 650 އަށްވުރެ ގިނަ މެޗު ކުޅެދީފައިވާ އިރު، އެންމެ ފަހުން ޗެލްސީ ޕްރިމިއާ ލީގުގައި ކުޅުނު ދެ މެޗުގައި އޭނާ ވަނީ އެ ޓީމަށް ދެ ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.
ޓެރީ އިންގްލޭންޑުގެ ގައުމީ ޓީމަށް ވެސް ކުޅެދީފައިވާ އިރު، އޭނާ ވަނީ އެކި ފަހަރުމަތިން އެ ޓީމްގެ ކެޕްޓަންކަން ވެސް އަދާކޮށްފަ އެވެ. ނަމަވެސް 2011 ވަނަ އަހަރު ޖެހުނު މައްސަލައެއްގެ ސަބަބުން އޭނާ އިންގްލޭންޑުގެ ކެޕްޓަން ކަމުން ދުރުކުރުމުން، 2012 ވަނަ އަހަރު އޭނާ ވަނީ އެ މަގާމް އެއްކޮށް ދޫކޮށްލާ، އިންގްލޭންޑުގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފަ އެވެ.