ލަންކާގެ އެންމެ ބޮޑު މުސްލިމް ޕާޓީ، ދަ ސްރީލަންކަން މުސްލިމް ކޮންގްރެސް (އެސްއެލްއެމްސީ) ވެސް ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީ އިން ވަކިވެ މަހިންދަ ރާޖަޕަކްސާއާ ދެކޮޅަށް ނުކުންނަ އިދިކޮޅު ކޯލިޝަނާ ގުޅިއްޖެ އެވެ.

އެސްއެލްއެމްސީގެ ލީޑަރު ރައޫފު ހަކީމާ ހަވާލާދީ ޒިންހުއާ ނިއުސް އެެޖެންސީ އިން މިއަދު ބުނީ ރާޖަޕަކްސާގެ ސަރުކާރުގެ ޖަސްޓިސް މިނިސްޓަރުކަމުން އޭނާ މިއަދު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

އެ ޕާޓީ ސަރުކާރު ހިންގާ ޕާޓީ އިން ވަކިވެ، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް މައިތިރިޕާލާ ސިރިސޭނާއާ ގުޅުނީ ތަފާތު ފަހަރު މަތީން ޕާޓީގެ ލީޑަޝިޕްގެ ވެރިންގެ މެދުގައި ބޭއްވި ބައްދަލުވުންތަކަށް ފަހު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ލަންކާގެ އާބާދީ 24.4 މިލިއަން މީހުންގެ 10 ޕަސެންޓަކީ މުސްލިމުންނެވެ. ހަރުކަށި ބުދު ދީނުގެ މީހުންގެ ސަބަބުން ސަރުކާރާއި މުސްލިމުންގެ ގުޅުންތަކަށް ވަނީ ހީނަރުކަން އައިސްފަ އެވެ.

މި އަހަރުގެ ކުރީ ކޮޅު އަލުތަގާމާ އާއި ބެރުވަލާގައި މުސްލިމުންނާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކުގެ ޒިންމާ ހަކީމު އަޅުއްވާފައި ވަނީ ހަރުކަށި ބުދު ދީނުގެ މީހުންގެ ބޮލުގަ އެވެ. އެ ހަމަނުޖެހުންތަކުގައި ދެ މީހަކު މަރުވި އެވެ.

އެސްއެލްއެމްސީ އަކީ ސަރުކާރު ހިންގާ ޕާޓީ އިން ވަކިވި ދެ ވަނަ މުސްލިމް ޕާޓީ އެވެ. ކުރިން ވަނީ އިންޑަސްޓްރީ އެންޑް ކޮމާސް މިނިސްޓަރު ރިޝާދު ބަދީއުއްދީން ސަރުކާރުން ވަކިވެ، އަދި އޭނާގެ ސިލޯން މައްކާލް ކޮންގްރެސް ޕާޓީ އިދިކޮޅު ޕާޓީއާ ގުޅިފަ އެވެ.

ލަންކާގެ އިންތިހާބު އޮންނާނީ އަންނަ މަހު 8 ގަ އެވެ.