28 Dec 2014, 14:17
ގްރީސް އިން ފުރައިގެން އިޓަލީއަށް ދަތުރުކުރަމުން ދިޔަ ކާރު ފެރީއެއްގައި އަލިފާން ރޯވުމުގެ ސަބަބުން އޭގައި ތިބި 466 އަށް ވުރެ ގިނަ މީހުން ސަލާމަތް ކުރަން ޖެހިއްޖެ އެވެ.
އިނގިރޭސިވިލާތުގެ ދަ ގާޑިއަން ނޫހުން މިއަދު ބުނީ 222 ވެހިކަލާއި 411 ޕެސެންޖަރުންނާއި 55 ފަޅުވެރިން ސަލާމަތް ކުރުމަށް އަލްބޭނިއާއާއި އިޓަލީގެ ކަނޑުގެ ސިފައިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ބުނީ އަލިފާނުގެ ހާދިސާ ހިނގި އިރު ކައިރިން ދަތުރުކުރަމުން ދިޔަ ކޮންޓެއިނާ ބޯޓަކަށް 130 މީހުން ނަގާފައިވާ ކަމަށެވެ. އަދި ބުނީ އެސަރަހައްދުގައި މިހާރު އިތުރު ހަތް ބޯޓާއި މީހުން ހޯދުމަށް މަސައްކަތްކުރާނެ ހެލިކޮޕްޓަރުތަކާއި ސީ -130 މަރުކާގެ މަތިންދާބޯޓެއް ވެސް އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ . އެސަރަހައްދުގައި މޫސުން ގޯސްވެފައި ވާތީ މީހުން ސަލާމަތް ކުރުމަށް އުނދަގޫވީ ކަމަށް ވެސް އެނޫސް ބުންޏެވެ.
އަލިފާނުގެ ހާދިސާ ހިނގި އިރު ފެރީ ދަތުރުކުރަމުން ދިޔައީ ގްރީސްގެ ޕެޓްރާސް ނަމަކަށް ކިޔާ ރަށުން ފުރައިގެން އިޓަލީގެ އިރުމަތީގައިވާ އެންކޯނާ އަށް ކަމަށެވެ.