28 Dec 2014, 14:13
މަހަށް ނުކުމެ އުޅެނިކޮށް ބިންދައިގެން ގޮސްފައިވާ ގއ. ދެއްވަދޫ "ތޭރަވާ" ދޯނީގެ ދިރުނބާކޮޅު އެރަށަށް ގެންގޮސްފި އެވެ.
ދެއްވަދޫ ކައުންސިލްގެ ނައިބް ރައީސް ހުސައިން އިބުރާހީމް މިއަދު ސަން އަށް ވިދާޅުވީ ދާދި ދެންމެ އަކު އެ ދޯނީގެ ދިރުނބާ ކޮޅު އެރު ފަޅަށް ވައްދާފައިވާ ކަމަށާއި ދޯނީގެ ފަހަތްކޮޅު މިއަދު ހަވީރު 4:00 ނުވަތަ 5:00 ޖަހާއިރު އެ ރަށަށް ގެނެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
ތޭރަވާ ދޯނީގެ ވެރިޔާ އަލީ މުނީރު މިއަދު ސަން އަށް ވިދާޅުވީ ފައިބަރުން ހަދާފައިވާ އެ ދޯންޏަކީ ތިން މިލިއަން ރުފިޔާގެ އިންވެސްޓުމަންޓެއް ކަމަށާއި އެދޯނި މަރާމާތަށް ގާތްގަނޑަކަށް 15 ވަރަކަށް ލައްކަ ރުފިޔާ ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
""ސީދާ ނޭނގެ ބުނާކަށް، ކޯޓޭޝަން ނަގައިގެން ވަޑިންނާއި ވާހަކަ ދެއްކީމާ އެނގޭނީ، ލަފާކުރެވޭ 15 ވަރަކަށް ލައްކަ ހަރަދުވާނެ ކަމަށް." މުނީރު ވިދާޅުވި އެވެ.
ދެއްވަދޫ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި އެ ދޯނި ވަނީ އިންޝުއަރެންސްކޮށްފައެއް ނޫނެވެ.
މުނީރު ވިދާޅުވީ އެދޯނި މަރާމާތު ކުރުން ވެގެންދާނީ ދޯންޏެއް އަލުން ބަނުން ފަދަ ކަމަކަށް ކަމަށާއި ދޯނި ބިންދައިގެން ދިއުމަށް މެދުވެރި ސަބަބެއް ކަމަށް ބެލެވެނީ މޫސުމުގެ ސަބަބުން ކަމަށެވެ. އެދޯނި ކުރިން ފަރަށް އަރައި ގެއްލުންތަކެއް ލިބިފައި ވީނަމަވެސް އެއީ ދޯނި ބިންދައިގެން ދިއުމަށް މެދުވެރިވި ސަބަބެއް ކަމަށް ވިދާޅުވާން ނޭނގޭ ކަމަށް ވިދާޅުވި އެވެ.
މުނީރުމެން މަސްވެރިކަން ކުރުމަށް ބޭނުންކުރި ދޯނި ބިންދައިގެން ގޮސްފައިވާ އިރު އެހެން ދޯންޏެއް ބޭލުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ދެއްވަދޫ ކައުންސިލުން ބުނީ ހާދިސާ ހިނގި އިރު އެ ދޯނީގައި ވިއްސަކަށް މީހުން ތިބި ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.