28 Dec 2014, 13:34
ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ނޫސްމަޖައްލާތައް އަލުން ރަޖިސްޓްރީ ކުރުމަށް ހޯމް މިނިސްޓްރީ އިން ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީ އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ރަޖިސްޓްރީ ކޮށްގެން ނެރެމުންދާ ނޫސްމަޖައްލާތަކުން ވޭތުވެ ދިޔަ ހަ މަސް ދުވަހު ނެރެފައިވާ ނޫސްމަޖައްލާތަކުގެ ކޮޕީ އަންނަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީ އަށް ހުށަހަޅަންވާނެ ކަމަށެވެ. އަދި ޑެއިލީކޮށް ނެރެމުންދާ ނޫސްތަކާއި އޮންލައިން ނޫސްތަކާއި މަޖައްލާތަކުން ވެބްސައިޓު އެޑުރެހާއި ނޫސްމަޖައްލާ ނެރެފައިވާ ކަމުގެ ހެކި ލިޔެކިއުމުން އެނގޭނެ ގޮތަށް އެ މުއްދަތުގެ ކުރިން ހުށަހަޅަންވާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.
ނޫސް މަޖައްލާތައް އަލުން ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ އިރު މަސްއޫލުވެރިޔާގެ ފުރިހަމަ މައުލޫމާތާއި އެޑިޓަރުގެ ފުރިހަމަ މައުލޫމާތާއި ވޭތުވެ ދިޔަ ހަ މަސްދުވަހު ނެރެފައިވާ ނޫސްމަޖައްލާތަކުގެ ކޮޕީ ހުށަހަޅަން ޖެހެ އެވެ. ހަމައެއާ އެކު ޓީވީ ރޭޑިއޯ ބްރޯޑްކާސްޓް ނުވަތަ ޓެލެކާސްޓް ކުރިކަމާއި 25 ރުފިޔާގެ ރެވެނިއު ސްޓޭމްޕެއް ރީ ރަޖިސްޓްރީ ކުރާ އިރު ހުށަހަޅަންޖެހެ އެވެ. އަދި ނޫސްމަޖައްލާގެ މަސްއޫލިވެރިޔާ ނުވަތަ އެޑިޓަރު ބަދަލުވެފައިވާ ނަމަ އެމީހެއްގެ ކުށުގެ ރިކޯޑު ހުށަހަޅަން ވެސް ޖެހެ އެވެ.
ހޯމް މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވަނީ އެ ހުރިހާ އެއްޗެއް އަންނަ މަހުގެ 20 ވަނަ ދުވަހުގެ 14:00ގެ ކުރިން ހޯމް މިނިސްޓްރީ އަށް ހުށަހެޅުމުން ނޫސްމަޖައްލާ ރީ ރަޖިސްޓްރީ ކޮށްދެވޭނެ ކަމަށެވެ.
ހޯމް މިނިސްޓްރީ އިން ބުނީ ދެވަނަ ފަހަރަށް ރަޖިސްޓްރީ ކުރުމަށް ފުރުސަތު ހުޅުވާލީ ގިނަ ފަރާތްތަކަކުން އެކަމަށް އެދެމުންދާތީ ކަމަށެވެ. އަދި އަންނަ މަހުގެ 20 ވަނަ ދުވަހުގެ ކުރިން ރީ ރަޖިސްޓްރީކުރުމަށް ހުށަނާޅުއްވާ ފަރާތްތައް ނޫސްމަޖައްލާ ޝާއިއުކުރުމާ ބެހޭ ގަވައިދުގެ 29 ވަނަ މާއްދާ ދަށުން އުވާލެވޭނެ ކަމަށް ވެސް ހޯމް މިނިސްޓްރީ އިން ނެރުނު އިއުލާނުގައި ބުނެފައިވެ އެވެ.
މީގެކުރިން ވެސް ނޫސްމަޖައްލާތައް ރަޖިސްޓްރީ ކުރުމަށް ހޯމް މިނިސްޓްރީ އިން ހުޅުވާލި އެވެ. ނަމަވެސް އެ ފަހަރު އެކަން ވަނީ ފަސްކޮށްފަ އެވެ.