ރައްޔިތުންގެ މަޖިލީހުން މިއަހަރުގެ ހާޒިރީ އާންމުކުރި އިރު، ފުރަތަމަ އާންމު ކުރެވިފައި ވަނީ ގޯސްކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އަމީން އާންމު މިއަދު 'ސަން' އަށް ވިދާޅުވީ ފުރަތަމަ އާންމު ކުރި ހާޒިރީ ގައި "ކުދި ކުދި" މަައްސަލަ ހުރި ކަމަށާއި، އަދި މިހާރު އިސްލާޙުކޮށް އަލުން މަޖިލީހުގެ ވެބްސައިޓުގައި އާންމުކޮށްފައި ވާނެ ކަމަށެވެ.

"މައްސަލަތަކެއް ނޫން، ބައެއް މެންބަރުންގެ ހާޒިރީގައި މައްސަލަ ހުރީ" އަމީން އާންމު ވިދާޅުވިއެވެ.

މަޖިލީހުގެ ހާޒިރީ އިސްލާހު ކުރުމާއެކު، ހުރިހާ ދުވަހަކު މަޖިލީހަށް ހާޒިރުވި މެންބަރުންގެ އަދަދު 27 އަށް އަރައެވެ.

ހުރިހާ ދުވަހަކު ޖަލްސާތަކަށް ހާޒިރުވި މެމްބަރުންގެ ލިސްޓަށް އިތުރުވި މެންބަރުގެ ތެރޭގައި، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދުއާއި، ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީއާއި މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްދުއާއި، ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ގެ އިތުރުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު ހިމެނެއެވެ.