28 Dec 2014, 13:10
އެމްޑީޕީ އިންނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ވެސް ވަނީ ރާއްޖޭގެ ނަން ބަދުނާމުވާ ފަދަ ގޮތަކަށް ވާހަކަތަކެއް ދައްކަވާފައިވާ ކަމަށާއި ރާއްޖެ ބަދުނާމުކޮށް އެގޮތަށް ނަޝީދު ވާހަކަ ދައްކަވާ ނަމަ ޕީޕީއެމް އިން އެކަމާ މެދު ފިޔަވަޅު އަޅާނެ ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ވިދާޅުވެއްޖެ އެވެ.
އާ އަހަރާ ދިމާކޮށް މާލޭގައި ބާއްވަން އުޅޭ ޝޯން ޕޯލްގެ ޝޯ އާ ގުޅިގެން އޭނާ އަށް މަރުގެ އިންޒާރުދިން ހިސާބުން ފެށިގެން ކުރީގެ ރައީސް ނަޝީދާއި އެމްޑީޕީގެ ބައެއް މެމްބަރުން ސޯޝަލް މީޑިއާތަކުގައި ދައްކަވަމުން ގެންދާ ވާހަކަތަކާ ގުޅިގެން ނިހާން 'ސަން' އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ ނަޝީދަކީ ފާތުވެ ދިޔަ ފަސް އަހަރު ދުވަހަށް ބަލާ އިރު ވެސް ރާއްޖޭގެ ޓޫރިޒަަމަށް އަަސަރު ކުރާނެ ފަދަ ގޮތަކަށް ވާހަކަތައް ދައްކަވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ.
ނަމަވެސް އެގޮތަށް ގައުމު ބަދުނާމްކޮށް، ރާއްޖޭގެ ޓޫރިޒަމަށް ގެއްލުންވާ ފަދަ ކަންތައްތައް ނަޝީދު ކުރައްވަމުން ގެންދަވާ ނަމަ ރައްޔިތުންގެ މަޖިލީހަށް ޕީޕީއެމުން މިހާރު ހުށަހަޅާފައިވާ ކުރީގެ ރައީސުންނަށް އިނާޔަތްދިނުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމާ ބެހޭ ބިލް ފާސްކުރުމަށް އަންނަ ދައުރުގައި ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުން އިސްކަމެއް ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ ޓޫރިޒަމަށް ނުސީދާކޮށް ނަމަވެސް އަސަރެއް ކޮށްފިއްޔާ އެއީ ނަޝީދުގެ ސަަބަބުން ވާކަމެއް، އެގޮތަށް ރާއްޖެ ބަދުނާމްކޮށް ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ނަޝީދު ވާހަކަ ދައްކަމުން ގެންދަވާ ނަމަ، ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ދަށުން އިނާޔަތްތައް ވަކި މުއްދަތަކަށް ހަނިކުރެވި، އިނާޔަތްތައް ހިފެހެއްޓިގެންދާނެ،" ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ އެމްޑީޕީ އާއި ރައީސް ނަޝީދު ބޭނުންފުޅު ވަނީ ޕީޕީއެމްގެ ސަރުކާރުން ރާއްޖެ އަށް ހުޅުވައިދެމުން އަންނަ ތަރައްގީގެ ދޮރުތައް ބަންދުކޮށް، ރާއްޖޭގެ ރައްޔިތުންގެ ސަމާލުކަން އެހެން މިސަރާބަކަށް ހުއްޓުވުމަށް ފަހު، ގައުމު ހަލަބޮލިކޮށްލުން ކަމަށެވެ. އަދި އެގޮތަށް ސިޔާސީ ބޭނުމުގައި ރާއްޖޭގެ ޓޫރިޒަމަށް ގެއްލުން ދިނުމުގެ ބޭނުމުގައި އެމްޑީޕީން މަސައްކަތް ކުރަމުން ގެންދާތީ އެކަމާ މެދު ހިތާމަ ކުރައްވާ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
ޝޯން ޕޯލް އަށް އިންޒާރު ދިން މައްސަލައާ ގުޅިގެން ނަޝީދު ކުރައްވާފައިވާ ޓުވީޓްއެއްގައި ވިދާޅުވެފައި ވަނީ ޝޯން ޕޯލް މަރާލާނެ ކަމަށް ބުނެ ބިރުދެެއްކި މީހުން ހޯދައި ގާނޫނީ ފިޔަވަޅު ނޭޅޭ ކަމުގައިވާ ނަމަ ރާއްޖޭގެ ޓޫރިޒަމަށް އިތުރަށް އަސަރު ކުރާނެ ކަމަށެވެ.
ޝޯން ޕޯލްއަށް މަރުގެ އިންޒާރުދީފައިވާ ވީޑިއޯއެއް ޔޫޓިއުބްގައި އާއްމުކޮށްފައިވާ އިރު ޝޯން ޕޯލް ރާއްޖެ އައުމަށް އެދި ދިވެހިން ފާޅުކުރަމުން ގެންދާ ޝުއޫރުތަކާ ގުޅިގެން އޭނާ މިއަދު ވަނީ ދިވެހިން އޭނާ ދެކެ ވާ ލޯތްބާއި އޭނާ އަށް ކުރާ ތާއީދު އިހުސާސްކުރެވިއްޖެ ކަމަށް، ބުނެފަ އެވެ.