28 Dec 2014, 13:02
އަންނަ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ރާއްޖޭގެ ބޮޑެތި ކްލަބްތަކުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، ސްކޮޑް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބަށް އަނެއްކާ ވެސް ބްރެޒިލްގެ ފޯވާޑެއް ގެނެސްފި އެވެ.
ނިއު އިން އެ ޓީމްގެ ރަސްމީ ވެބްސައިޓުގައި ޝާއިއު ކުރި ބަޔާނެއްގައި ބުނެފައި ވަނީ އެ ޓީމްގެ ތިން ވަނަ ބިދޭސީ ކުޅުންތެރިއެއްގެ ގޮތުގައި ބްރެޒިލްގެ ސެންޓާ ފޯވާޑެއް ކަމަށްވާ ރަފައެލް (ރަފީނިއާ) ބެތިމް މާޓީ އެ ޓީމަށް މިހާރު ސޮއޮކޮށްފައިވާ ކަމަށެވެ. އަދި އޭނާއަކީ ބްރެޒިލްގެ ފުޓްބޯޅައިގައި އެކި ފަންތިތަކުގައި ކުޅެފައިވާ ކުޅުންތެރިއެއް ކަމަށާއި އޭގެ އިތުރުން އޭނާ ހޮންކޮންގްގެ ޕްރިމިއާ ލީގާއި ޕޯޗުގަލްގައިވެސް ކުޅެފައިވާ ކަމަށެވެ.
ނިއު އިން ބުނީ އަންނަ ޖެނުއަރީ މަހު 10 ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ އެ ޓީމްގެ ޕްރެކްޓިސްތައް ފެށުމުގެ ކުރިން ރަފީނިއާ ރާއްޖެ ގެނެވުމަށް އެ ކްލަބުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އޭނާ ނިއުއަށް ސޮއިކޮށްފައި ވަނީ ޕޯޗުގަލްގެ ދެވަނަ ޑިވިޝަންގެ ޓީމެއް ކަމަށްވާ ޓޮރީންސޭ އިންކަމަށް ވެސް އެ ކްލަބުން ބުނެފައިވެ އެވެ. ޓޮރީންސޭ އަކީ އެ ގައުމުގެ ދެވަނަ ޑިވިޝަންގެ ޗެންޕިއަންކަން ހޯދުމުގެ އިތުރުން އެ ގައުމުގައި ބާއްވާ ޕޯޗުގަލް ކަޕް މުބާރާތުގެ ފައިނަލަށް ވެސް ދަތުރު ކޮށްފައިވާ ޓީމެކެވެ.
ރަފީނިއާގެ އިތުރުން ވޭތުވެ ދިޔަ ދެ ދުވަހުގެ ތެރޭ ނިއު ވަނީ އެ ޓީމަށް ސްޕެއިންގެ ގޯލްކީޕަރު މަރެންކޯ އާއި ބްރެޒިލްގެ ޕްލޭމޭކަރު ސަންތޯސް ގެނެސްފަ އެވެ. އަދި ބިދޭސީ ކުޅުންތެރިންގެ އިތުރުން އިތުރު ދިވެހި ކުޅުންތެރިންނާ ވެސް އެ ކްލަބުން ވާހަކަ ދައްކަމުންދާ ކަމަށާއި، ދެ ދުވަހެއްގެ ތެރޭ އެ ކްލަބުގެ ހުރިހާ ޓްރާންސްފާއެއް ނިމިގެން ދާނެ ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ.