28 Dec 2014, 12:20
އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ޕްރެސިޑެންޓް އޮފް މޯލްޑިވްސް އިންވިޓެޝަނަލް ސޮކާ ކަޕް (ޕޮމިސް ކަޕް) ގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ކުޅެމުން އަންނަ މެލޭޝިއާގެ ކްލަބް ޕީޑީއާރްއެމް އަށް ދައުވަތު ދީފިއެވެ.
އަންނަ މަހުގެ ޖެނުއަރީ ފަހުކޮށްޅު ފަށަން ހަމަޖެހިފައި ޕޮމިސް ކަޕްގައި ރާއްޖޭގެ ގަދަ ހަތަރު ކްލަބުގެ އިތުރުން ރާއްޖޭން ބޭރުގެ ދެ ކްބަކަށްވެސް ބައިވެރި ވުމަށް ދައުވަތު ދެވެއެވެ. މިއަދު މީޑިއާއާ ވާހަކަ ދައްކަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓެރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އެ މުބާރާތުގައި ބައިވެރިވުމަށް ޕީޑީއާރްއެމްގެ އިތުރުން އިތުރު ކްލަބްތަކަށްވެސް ދައުވަތު ދީފައި ވާކަމށެވެ.
"ޕޮމިސް ކަޕްގައި ބައިވެރިވުމަށް ބޭރުގެ ދެ ތިން ޓީމަކަށް މިހާރު ވަނީ ދައުވަތު ދެވިފައި. އޭގެ ތެރޭގައި ދަގަނޑޭ ކުޅެމުން އަންނަ ޕީޑީއާރްއެމްވެސް ހިމެނޭ. އަދި އެ ކްލަބުތަކަށް ދިން ދައުވަތަށް މި ހަފްތާތެރޭ ޖަވާބެއް ލިބޭނެ،" ބައްސާމް ވިދާޅުވިއެވެ.
އަންނަ އަހަރުގެ ޕޮމިސް ކަޕަށް ޕީޑީއާރްއެމްއަށް ދައުވަތު ދެވުނު އިރު، ދަގަނޑޭ ވަނީ އެ ކްލަބާއެކު އޭނާ ވެފައިވާ އެއްބަސްވުން ދެ އަހަރު ދުވަހަށް އިތުރުކޮށްފައެވެ. އަދި ޕީޑީއާރްއެމް މިއަހަރު މެލޭޝިއާގެ ދެވަނަ ޑިވިޝަންގެ ޗެންޕިއަންކަން ހޯދުމުގައި ދަގަނޑޭ ވަނީ އެ ޓީމަގައި މުހިންމު ރޯލެއް އަދާކޮށްފައެވެ. ދަގަނޑޭގެ ހުނަރުގެ ވާހަކަ ޕީޑީއާރްއެމްގެ ކޯޗުވެސް ދައްކާފައި ވާއިރު، އޭނާ ވަނީ މި އަހަރު މެލޭޝިއާ ފުޓްބޯޅަ ސީޒަންގައި އެ ޓީމަށް މުޅިއަކު 26 ލަނޑު ކާމިޔާބުކޮށްދީފައެވެ.
ގިނަ ދުވަސްތަކަކަށް ފަހު ރާއްޖޭގައި އަނެއްކާވެސް ޕޮމިސް ކަޕް ފަށަން ހަމަޖެހިފައި ވާއިރު، އެ މުބާރާތް ބާއްވަން ނިންމީ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން އަންނަ އަހަރުގެ ފުޓްބޯޅަ ކަލަންޑަރަށް ގެންނަން ވިސްނާފައިވާ ގިނަ ބަދަލުތަކެއްގެ ތެރެއިންނެވެ. ރާއްޖޭގެ ގަދަ ހަތަރު ކްލަބާއި ބޭރުން ދައުވަތު ދެވޭ ދެ ކްލަބެއް ވާދަ ކުރާ އެ މުބާރާތް އެންމެ ފަހުން ބާއްވާފައި ވަނީ 2003 ވަނަ އަހަރުއެވެ.
އަންނަ އަހަރުގެ ޕޮމިސް ކަޕްގައި ރާއްޖޭއިން ވާދަކުރާ ޓީމްތަކަކީ ނިއުރޭޑިއެންޓާއި މާޒިޔާ، ވިކްޓްރީ އަދި އީގަލްސް އެވެ. އަދި އެ މުބާރާތުގައި ވާދަކުރާ ބިދޭސި ދެ ކްލަބް އަދި ހަމަޖެހިފައި ނުވާއިރު، ސިންގަޕޫރުގެ 23 އަހަރުން ދަށުގެ ގައުމީ ޓީމްވެސް އެ މުބާރާތުގައި ބައިވެރި ކުރުމަށް ވާހަކަ ދެކެވެމުން އަންނަ ކަމަށް އެފްއޭއެމުން ވަނީ ހާމަކޮށްފައެވެ.