އާ އަހަރަށް ހިދުމަތްތައް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް ކޮންމެ އަހަރަކުވެސް އެއް ދުވަހަށް ބެންކުތައް ބަންދުކުރާއިރު ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މިހަފްތާގެ ބުދަ ދުވަހު ބަންދު ކުރަން ނިންމައިފި އެވެ.

ބީއެމްއެލްގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އޮޑިޓަށް އެ ބޭންކް މިހަފްތާގެ ބުދަ ދުވަހު ބަންދު ކުރުމަށް ފަހު ދެން ބޭންކް ހުޅުވާނީ އާދިއްތަ ދުވަހު ކަމަށެވެ. ބުދަ ދުވަހު ބެންކުގެ މުއައްޒިފުން މެދުވެރިކޮށް ދެމުންދާ ހިދުމަތް ލިބިގެން ނުދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ބުދަ ދުވަހު ބަންދު ކުރަނީ، ބުރާސްފަތި ދުވަހަކީ ބަންދު ދުވަހެއް ނޫންތޯ، އެހެންވީ އެއަށް ފަހު ދެން ބެންކު ހުޅުވާނީ އާދިއްތަ ދުވަހު." ބީއެމްއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޭންކް އެ ދުވަހު ބަންދު ކުރި ނަމަވެސް އޭޓީއެމް މެދުވެރިކޮށް ދެމުންދާ ހިދުމަތްތައް ލިބިގެންދާނެ ކަމަށެވެ.

އެކުންފުނިން ދާދި ފަހަކުން ވަނީ ފައިސާ ޖަމާކުރާ އޭޓީއެމްތަކެއް ތައާރަފްކޮށްފަ އެވެ. ބީއެމްއެލްގެ އެ ޚިދުމަތް ލިބޭ އޭޓީއެމްތައް ބަހައްޓާފައި ވަނީ ބީއެމްއެލް މެއިން ބްރާންޗާއި ބީއެމްއެލް ލައިޓް އާއި ވެލާނާގޭގެ އިތުރުން އާޓިފިޝަލް ބީޗާއި ދިމާލުން ބޮޑުތަކުރުފާނު މަގުގަޔާއި މަޖީދީ މަގު ބުރާޗް އެވެ. ފައިސާ ނެގުމާއި ފައިސާ އަދި ޗެކު ޖަމާކުރުމުގެ އިތުރުން ފައިސާ ޓްރާންސްފާ ކުރުމާއި ލޯނު އަދި ކްރެޑިޓް ކާޑަށް ފައިސާ ދެއްކުމުގެ ޚިދުމަތް އެ އޭޓީއެމްތަކުން 24 ގަޑިއިރު ލިބިގެންދާނެ އެވެ.

އާ އަހަރު ފެށުމުގެ ގޮތުން ކުރަން ޖެހޭ އިދާރީ މަސައްކަތް ކުރަމުން ބޭންކްތަކުން އެއް ދުވަސް ބަންދުކުރެއެވެ. ނަމަވެސް އެކަމާ ގުޅިގެން ބީއެމްއެލް ފިޔަވައި އެހެން ބޭންކެއްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އެމްއެމްއޭ އިން ބުނީ އެޑްމިނިސްޓްރޭޓިވް ކަންކަމަށް ބޭންކްތައް ބަންދު ކުރުމާއި ނުކުރުމަކީ އެ ބޭންކްތަކުން އަމިއްލަ އަށް ނިންމާނެ ކަމެއް ކަމަށެވެ.