28 Dec 2014, 12:08
ޗެލްސީގައި ސްޓްރައިކަރެއްގެ މަގާމަށް ކުޅެމުން އައި ފެނާންޑޯ ޓޮރޭޒް އިޓަލީގެ ކްލަބް އޭސީ މިލާނާ ދެމެދު ދާއިމީ އެއްބަސްވުމެއްގައި ސޮއިކޮށް، އެ ކްލަބަށް ބަދަލުވާން އުޅޭކަން ޗެލްސީން ހާމަކޮށްފި އެވެ.
އޭސީ މިލާނުންވެސް ޓޮރޭޒް އެ ޓީމަށް ސޮއިކުރަން އުޅޭކަން ކަށަވަރު ކޮށްދީފައިވާ އިރު، ޗެލްސީން އެކަމާ ގުޅޭ ގޮތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޓޮރޭޒް އޭސީ މިލާނަށް ޓްރާންސްފާ ކުރުމުގެ މަސައްކަތް އަންނަ ޖެނުއަރީ ފަހެއްގައި ނިމިގެން ދާނެ ކަމަށާއި، އޭނާ އެ ކްލަބަށް ބަދުލުވާނީ ދާއިމީ ގޮތެއްގައި ކަމަށެވެ. އަދި އެ ބަޔާނުގައި ޗެލްސީ އަށް އޭނާ ކޮށްދިން ހިދުމަތަށް ޓަކައި އޭނާ އަށް ޝުކުރު ވެސް އަދާކޮށްފައިވެ އެވެ.
"ފެނާންޑޯ ޓޮރޭޒް މި އަހަރުގެ އޮގަސްޓް މަހު ޗެލްސީން އޭސީ މިލާނަށް ބަދަލުވެފައި ވަނީ ދެ އަހަރު ދުވަހުގެ ލޯން ޑީލެއްގެ ދަށުން. ނަމަވެސް އޭނާ އޭސީ މިލާނަށް ދާއިމީ ގޮތެއްގައި އަންނަ ޖެނުއަރީ ފަހަކުން ފެށިގެން ބަދަލުވާނެ. ޗެލްސީ ފުޓްބޯޅަ ކްލަބަށް ވޭތުވެ ދިޔަ ހަތަރު ސީޒަންގައި ޓޮރޭޒް ކޮށްދިން ހިދުމަތަށް ޝުކުރު އަދާކުރަން. އަދި ޗެލްސީގެ ފަރާތުން އޭނާ އަށް ރަނގަޅު މުސްތަގުބަލަކަށް އެދެން،" ޗެލްސީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
މިދިޔަ އޮގަސްޓު މަހުން ފެށިގެން ޓޮރޭޒް އޭސީ މިލާނަށް ކުޅެން ފަށާފައިވާ އިރު، އުމުރުން 30 އަހަރުވެފައިވާ ޓޮރޭޒްއަށް ވަނީ ފަހަކަށް އައިސް ފޯމް ގެއްލި ރަނގަޅު ކުޅުމެއް ދެއްކޭގޮތް ނުވެފަ އެވެ. އޭނާ އޮގަސްޓުން ފަށައިން އޭސީ މިލާނަށް 10 މެޗު ކުޅެދީފައިވާ އިރު، އެ މުއްދަތުގައި އޭނާ އަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ ލަނޑެކެވެ.
ހަބަރުތައް ފެތުރިފައިވާ ގޮތުގައި ޓޮރޭޒް އޭސީ މިލާނަށް ބަދަލުވުމަށް ފަހު އެ ކްލަބުން ވިސްނަމުން އަންނަނީ އަނެއްކާ ވެސް ލޯން އެގްރީމަންޓެއްގެ ދަށުން އޭނާ ސްޕެއިންގެ ކްލަބެއް ކަމަށްވާ އެތްލެޓިކޯ މެޑްރިޑަށް ބަދަލުކުރުމަށެވެ. އަދި ޓޮރޭޒްގެ ބަދަލުގައި މެޑްރިޑުގެ ފޯވާޑް އެލީސިއޯ ޗާރްޗީ އޭސީ މިލާނަށް ގެންނަން އުޅޭ ކަމުގެ ހަބަރުތައް ވެސް ވަނީ ފެތުރިފަ އެވެ.
ޓޮރޭޒް އޭނާގެ ކެރިއާ ފަށާފައި ވަނީ 2001 ވަނަ އަހަރު އެތްލެޓިކޯ މެޑްރިޑުންނެވެ. އަދި ހަ އަހަރު އެ ކްލަބަށް ކުޅެދިނުމަށްފަހު 2007 ވަނަ އަހަރު އޭނާ ލިވަޕޫލަށް ބަދަލުވެ، އެ ޓީމަށް ކުޅެދިން 102 މެޗުގައި އޭނާ ވަނީ އެ ޓީމަށް 65 ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. ޓޮރޭޒް ޗެލްސީއަށް ބަދަލުވެފައި ވަނީ 2011 ވަނަ އަހަރު އެވެ. އޭނާ ޗެލްސީއަށް ބަދަލުވުމަށް ފަހު އޭނާގެ ފޯމާ މެދު ސުވާލުތަކެއް އުފެދިފައިވާ އިރު، އެ ޓީމަށް ކުޅެދިން 110 މެޗުގައި އޭނާއަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ 20 ލަނޑެވެ.