މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދަ ހިދުމަތް ލިބޭ ބޭސްފިހާރަތައް ގާއިމުކުރުމަށް އެސްޓީއޯ އިން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން އެކުންފުނީގެ 58 ވަނަ ބޭސްފިހާރަ ދ. ކުޑަހުވަދޫގައި ހުޅުވައިފި އެވެ.

ކުޑަހުވަދޫ ކައުންސިލްގެ ރައީސް މުހައްމަދު ޒަމީރު އިސްމާއިލް މިއަދު 'ސަން' އަށް ވިދާޅުވީ އެސްޓީއޯ ބޭސްފިހާރަ ހުޅުވާފައި ވަނީ އަތޮޅު ހޮސްޕިޓަލުގެ އެތެރޭގައި ކަމަށާއި އެތަނުގައި ބޭސްފިހާރަ ހުރުމުގެ ސަބަބުން އާންމުންނަށް އިތުރު ފަސޭހަކަމެއް ލިބިގެން ދާނެ ކަމަށެވެ.

"ވިއްސާރަދުވަހެއް އަޔަސް ފަސޭހަ ކަމާއެކު ބޭސް ނެގޭނެ، އެހެންވީމަ އެތެރޭގައި ބޭސްފިހާރަ ހުރީމަ ވަރަށް ބޮޑުތަން ފަސޭހަ ވެގެން ދާނެ" ޒަމީރު ވިދާޅުވިއެވެ.

މީގެ ކުރިން ކުޑަހުވަދޫގައި ހިދުމަތް ދެމުން ގެންދިޔައީ ތްރީ އެލް ކިޔާ އަމިއްލަ މީހަކު ހިންގާ ފާމަސީ އަކުންނެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ ކުރިން ޚިދުމަތް ދިން ބޭސްފިހާރައިން ވެސް އާސަންދައިގެ ދަށުން ބޭސް ލިބޭ ކަމަށެވެ. އެހެން ނަމަވެސް އެސްޓީއޯއިން މި ހުޅުވި ބޭސްފިހާރައާއެކު އިތުރަށް ފަސޭހަ ވެގެން ދާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.

އެސްޓީއޯ އިން ބުނީ ރާއްޖޭގެ ކޮންމެ ރަށެއްގައި ބޭސްފިހާރައެއް ގާއިމް ކުރުމަށް ކުރަމުން އަންނަ މަސައްކަތް އަންނަ އަހަރު ނިންމާލެވޭނެ ކަމަށެވެ.