ގދ. ތިނަދޫ ޑައިމަންޑްވިލާ އަލީ ރަޝީދު މަރާލި މައްސަލައާ ގުޅިގެން ހައްޔަރު ކުރި ހަ މީހުންގެ ތެރެއިން ފަސް މީހަކު ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު 'ސަން' އަށް ވިދާޅުވީ އަލީ ރަޝީދު މަރާލި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން ފުލުހުންގެ ހައްޔަރުގައި މިހާރު ހުރީ އެންމެ މީހެއް ކަމަށެވެ. އެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރު ކުރީ 33 އަހަރުގެ މީހަކާއި 39 އަހަރުގެ މީހަކާއި 41 އަހަރުގެ ދިވެހި އަންހެނަކާއި 35 އަހަރުގެ މީހެއްގެ އިތުރުން 24 އަހަރުގެ ބަނގްލަދޭޝްގެ ފިރިހެނަކާއި 31 އަހަރުގެ މީހެކެވެ.

މިދިޔަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ އުމުރުން 79 އަހަރުގެ އަލީ ރަޝީދު މަރާލާފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ގުދަނެއްގެ ތެރެއިންނެވެ. މަރާލާފައި އޮއްވާ އަލީ ރަޝީދު ފެނުނު އިރު އޭނާގެ މޫނު މައްޗާއި ގައިގެ އެކި ތަންތަނުން ޒަޚަމްތަކެއް ފެންނަން ހުރި އިރު، އޭނާ މަރުވެފައި އޮއްވައި ފެނުނު ގުދަނުގައި ލޭ ވެސް ހުއްޓެވެ.