މަހަށް ނުކުމެ އުޅެނިކޮށް "ތޭރަވާ" ދޯނި ބިންދައިގެން ގޮސްފައި ވަނީ މީގެ ކުރިން އެދޯނި ފަރަށް އަރައި، ލިބުނު ގެއްލުމެއްގެ ސަބަބުން ކަމަށް ގއ. ދެއްވަދޫ ކައުންސިލުން ބުނެފި އެވެ.

ދެއްވަދޫ ކައުންސިލްގެ ނައިބް ރައީސް ހުސައިން އިބުރާހީމް މިއަދު ސަން އަށް ވިދާޅުވީ އެ ދޯންޏަކީ 2010 ވަނަ އަހަރު މަހަށް ނުކުމެ އުޅެނިކޮށް ފަރަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ދޯންޏެއް ކަމަށެވެ. މިފަހަރު އެ ދޯނި ބިންދައިގެން ގޮސްފައިވާ ކަމަށް ލަފާ ކުރެވެނީ އެފަހަރު ފަރަށް އަރައިގެން ފަޅައިގެން ގޮސްފައިވާ ދިމާލުން ކަމަށް ވިދާޅުވި އެވެ.

"ވީގޮތް ދަނީ ބަލަމުން، މިހާރު ބޮޑަށް ބެލެވެނީ ފަރަށް އަރައިގެން ފަޅައިގެންގޮސްފައިވާ ހިސާބުން ކަމަށް ބިންދައިގެން ދިޔައީ،" ހުސެއިން ވިދާޅުވި އެވެ.

ނަމަވެސް އޭނާ ވިދާޅުވީ އެ ދޯނި ފަރަށް އެރުމުން ލިބުނު ގެއްލުންތައް މަރާމާތުކޮށް އަލުން މަސްވެރިކަން ކުރަމުންދާތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.

ބިންދައިގެން ދިޔަ ހާދިސާ ސިފަކޮށްދެމުން އޭނާ ވިދާޅުވީ "ކުއްލިއަކަށް އަޑުފައްގަނޑެއް އިވި ދޯނީގެ ދެބައި ވަކިވީ" ކަމަށް ބުނާ ކަމަށެވެ.

އެދޯނި އެ ރަށަށް ގެނައުމުގެ މަސައްކަތް އިތުރު ތިން ދޯންޏެއް ކަފު ޖަހައިގެން ކުރަމުންދާ އިރު ދޯނި އެ ރަށަށް ގެނެވޭނެ ކަމަށް ބެލެވެނީ މިއަދު 1:30 ނުވަތަ 2:00 އިރު ކަމަށް ވެސް ހުސެއިން ވިދާޅުވި އެވެ.

ގއ. ދެއްވަދޫ ރަށު ކައުންސިލުން ބުނީ ބިންދައިގެން ގޮސްފައި ވަނީ އެ ރަށު ތޭރަވާ ނަމަކަށް ކިޔާ ދޯނި ކަމަށެވެ. އަދި ބުނީ ހާދިސާ ހިނގި އިރު އެ ދޯނީގައި ވިއްސަކަށް މީހުން ތިބި ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.