28 Dec 2014, 11:39
ދިހަ އަހަރު ފުރިފައިވާ ހިތާމަވެރި ހާދިސާ، ސުނާމީގެ ހަނދާންތައް އާކުރުމަށް، މާލޭގެ ލޮނުޒިޔާރަތްކޮޅު ސަރަހައްދުގައި ހުންނަ ސުނާމީ ބިނާ މަރާމާތުކޮށް ނިންމައިފި އެވެ.
ހައުސިންގް މިނިސްްޓްރީގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ ސުނާމީ ބިނާ މަރާމާތު ކުރުމުގެ ގޮތުން އާ ފާލަމެއް އަޅައި ބިނާގައި ބޭނުންކޮށްފައި ހުރި ދަނގަނޑުތައް ޕޮލިސްކޮށް، ކުލަލައި ނިންމާފައިވާ ކަމަށެވެ.
"މިނިސްޓްރީގެ ވިސްނުން ހުރީ އެ ބިނާ ރަނގަޅަށް މަރާމާތުކޮށް އެތަނަކީ މީހުން ފަހުރުވެރިވާ ތަނަކަށް ހެދުން،" އޮފިޝަލަކު ވިދާޅުވި އެވެ.
އެބިނާ މަރާމާތު ކުރަން މިދިޔަ ހަފްތާގެ ތެރޭގައި ފެށި އިރު އެތަނުގެ ހާލަތު ހުރީ ވަރަށް ދެރަވަރުކޮށެވެ. ބިނާ އަށް އަރަން ބޭނުން ކުރާ ފާލަން ދަބަރަށްވެ ފުނޑުފުނޑު ވެފައިވާ އިރު ބިނާގެ ރީތިކަން ކެނޑި ގިނަ ހިސާބުތައް ދަބަރަށް ވަނީ ވެފަ އެވެ.

ސުނާމީ ބިނާއަކީ ރާއްޖޭގެ އެކިއެކި ރަށްރަަށަށް 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާ އާއި އެ ކާރިސާގައި ނިޔާވެގެން ގޮސްފައިވާ ދިވެހިންގެ ހަނދާނުގައި އަޅާފައިވާ ބިނާއެކެވެ. އެ ހާދިސާގައި ރާއްޖެ އިން 82 މީހަކު މަރުވި އެވެ. އަދި އެތައް ބަޔަކު ގެއްލުނެވެ.
އެ ބިނާއަކީ 108 ސްޓެއިންލެސް 84 ދަގަނޑު ރޮޑް ވަށްކޮށް އަތުރާލައިގެން ހަދާފައިވާ ބިނާއެކެވެ. އެ ކޮންމެ ހޮޅިއެއް ނިސްބަތްވަނީ އެ ހިތާމަވެރި ސުނާމީ ކާރިސާގައި މަރުވެފައިވާ ދިވެއްސެކެވެ. އެކި ސައިޒުގެ ހޮޅި ބޭނުންކޮށްފައިވުމުން އެކަމުން ދައްކުވައި ދެނީ އެބިރުވެރި ހާދިސާގައި ދުނިޔެ ދޫކޮށް ދިޔައީ އެކި އުމުރުގެ މީހުން ކަމެވެ. އެ ބިނާ އިތުރަށް ފުރިހަމަކުރަން ބޭނުންކޮށްފައިވާ އެލްމިނިއަމް 20 ބޯޅައިން ދައްކައިދެނީ ޖަޒީރާ ރަށްތައް އެކުލެވިގެންވާ އަތޮޅުތަކެވެ.