ބ. ދޮންފަނު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް ވާދަކުރުމަށް ޖުމްހޫރީ ޕާޓީ އިން ނިންމައިފި އެވެ.

"ސަން" އާ ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ސަމީރު މިއަދު ވިދާޅުވީ ޖުމްހޫރީ ޕާޓީ އިން ދޮންފަނު ކައުންސިލަށް ކުރިމަތިލާން ނިންމީ ހެޔޮ ނިޔަތުގައި އެ އިންތިހާބު ކާމިޔާބު ކުރުމުގެ ނިޔަތުގައި ކަމަށެވެ.

އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީ އިން އިންތިހާބުތަކުގައި ވާދަކުރުން މަޑު ޖައްސައިލައިފާ ވަނީ އެޕާޓީ އިން އެ ކަންކަމަށް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ.

"އަޅުގަނޑުމެން މިއައީ އަޅުގަނޑުމެންގެ ޕާޓީ އެކަމަށް ވަރަށް ބޮޑަށް ތައްޔާރުކުރަމުން. އަދި ހަމައެއާ އެކު އިންތިހާބުތަކުގައި ވާދަކުރާ އިރު ރައްޔިތުންގެ ތާއީދު ވެސް ހޯދަން އެބަޖެހޭ. އެހެންވީމާ ކުރިއަށް ހުރި އިލެކްޝަންތަކުގައި އަޅުގަނޑުމެން ވާދަކުރާނަން،" ސަމީރު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީ އިން ދޮންފަނު ބައި އިލެކްޝަނުގައި ވާދަކުރުމަށް ނިންމާފައިވާ އިރު ދޮންފަނު ކައުންސިލްގެ ބައި އިލެކްޝަނުގައި ވާދަކުރުމަށް ސަރުކާރު ހިންގާ މައި ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވެސް ބައިވެރިވުމަށް ވަނީ ނިންމައިފަ އެވެ.

ދޮންފަނު ބައި އިލެކްޝަން ބޭއްވުމަށް ހަމަޖައްސާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ. އެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އިންތިހާބަށް ކުރިމަތިލުމަށް ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައި ވަނީ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.

ދޮންފަނު ކައުންސިލްގެ ބައި އިލެކްޝަން ބޭއްވުމަށް ނިންމާފައި ވަނީ ދޮންފަނު ކައުންސިލަރު ކަމުގައި ކުރިން ހުންނެވި އެކައުންސިލްގެ ކުރީގެ ނައިބު ރައީސް ޔޫސުފް ނައުޝާދު އިސްތިއުފާ ދެއްވާފައިތީ އެވެ.