28 Dec 2014, 11:05
ރޭ ފަތިހު ގެއްލުނު އެއާ އޭޝިއާގެ މަތިންދާބޯޓް ކިއުޒެޑް 8501 ކަނޑަށް ވެއްޓިފައިވާ ކަމަށް އިންޑޮނޭޝިއާގެ ނެޝަނަލް ސާޗް އެންޑް ރެސްކިއު އެޖެންސީއާ ހަވާލާދީ ބައެއް ނޫސްތަކުން ބުނެފި އެވެ.
އިންޑޮނޭޝިއާގެ ރިޕަބްލިކާ ނިއުސް އާ ހަވާލާދީ ސްޕަޓްނިކް ނިއުސް އިން ބުނީ ބެލިޓަން އައިލެންޑް ނަމަކަށް ކިޔާ ރަށުގެ ކައިރިން ކަނޑަށް ވެއްޓިފައިވާ ކަމަށް އިންޑޮނޭޝިއާގެ ނެޝަނަލް ސާޗް އެންޑް ރެސްކިއު އެޖެންސީން ބުނެފައިވާ ކަމަށެވެ. އަދި ބުނީ އެބޯޓް ވެއްޓުނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް އެ އެޖެންސީން ބުނެފައިވާ ކަމަށެވެ.
އިންޑޮނޭޝިއާ އިން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރި އެއާ އޭޝިއާގެ މަތިންދާޓް ވެއްޓުނީ 162 މީހުންނާ އެކު އެވެ. އެ ބޯޓުން ދަތުރު ކުރީ ފަޅުވެރިންގެ އިތުރަށް، އިންޑޮނޭޝިޔާގެ 149 ފަސިންޖަރުންނާއި ކޮރެއާގެ ތިން މީހަކާއި އިންގިރޭސި ރައްޔިތަކާއި ސިންގަޕޫރު ރައްޔިތެއްގެ އިތުރަށް މެލޭޝިޔާ ރައްޔިތަކު ކަމަށެވެ.
އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލެއް ކަމަށްވާ ހާދީ މުސްތަފާ ވިދާޅުވެފައި ވަނީ މަތިންދާބޯޓާ ގުޅުން ކެނޑުނީ ސިންގަޕޫރާ ސުރަބަޔާ ޖަޒީރާއާ ދެމެދު އޮންނަ ޖާވާ ކަނޑުގެ މަތިން އުދުހެނިކޮށް ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ ގުޅުން ކެނޑުމުގެ ކުރިން މަތިންދާބޯޓުން އެދިފައި ވަނީ އާއްމުކޮށް ދަތުރު ނުކުރާ މަގަކުން ދަތުރުކުރުމަށް ކަމަށެވެ.
ގެއްލިފައި ވަނީ އެއާ ބަސް އޭ 320-200 މަރުކާގެ ބޯޓެކެވެ.
ސީއެންއެން އިން ބުނީ ބޯޓު ފުރި އިރު ވަރަށް ގަދައަށް ގުގުރައި ވިދި ކަމަށެވެ. ނަމަވެސް ގަދަވެ ތެޅުވުމަކީ ބޯޓު ވެއްޓެން ޖެހޭ ކަމެއް ނޫން ކަމަށް ވެސް ސީއެންއެން އިން ބުންޏެވެ.