28 Dec 2014, 11:02
ދިވެހިން ފާޅުކުރަމުންދާ މެސެޖްތަކުން އޭނާދެކެ ދިވެހިންވާ ލޯތްބާއި އޭނާ އަށް ކުރާ ތާއީދު އިހުސާސްކުރެވިއްޖެ ކަމަށް، އާ އަހަރު ފާހަގަ ކުރުމަށް މާލޭގައި ބާއްވާ ޝޯގައި ހުށަހަޅައިދޭ ޕޮޕް ލަވަކިޔުންތެރިޔާ ޝޯން ޕޯލް ބުނެފި އެވެ.
ގްރެމީ އެވޯޑު ހާސިލް ކޮށްފައިވާ ޖެމެއިކާގެ ޝޯން ޕޯލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި މީގެ ތިން ގަޑިއިރު ކުރިން ޖަހާފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، ރާއްޖޭގައި ޝޯ ހުށަހަޅައި ދިނުމަށް ދައުވަތު ދިން ކަމަށްޓަކާ ދިވެހި ރައްޔިތުންނަށް ޝުކުރުއަދާކުރާ ކަމަށެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާދެކެ ދިވެހިންވާ ލޯތްބާއި ކުރާ ދާއީދު އިހުސާސްކުރެވިއްޖެ ކަމަށް ބުނެފައިވެ އެވެ.
"އެ ޝޯއާ މެދު ބައެއް ދިވެހިންނާއި ޖެމެއިކާގެ ރައްޔިތުން ހިއްސާ ކުރަމުންދާ ކަންބޮޑުންތައް ވެސް ވަނީ އަޑު އިވިފައި،"ޝޯން ޕޯލްގެ ފޭސްބުކް ޕޭޖުގައި ޖަހާފައިއިން މެސެޖުގައި ބުނެފައިވެ އެވެ.
ނަމަވެސް އާ އަހަރުގެ ޝޯގައި ބައިވެރިވުމަށް ރާއްޖެ އައުމާ ދޭތެރޭ އޭނާގެ ފޭސްބުކް ޕޭޖުގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ޝޯން ޕޯލްގެ ފޭސްބުކް ޕޭޖުގައި މިއަދު އެހެން ބުނެފައި މިވަނީ އޭނާ އަށް ބަޔަކު މަރުގެ އިންޒާރު ދީފައި ވާތީ، ރާއްޖެ އައުމާ ދޭތެރޭ ވަކި ގޮތެއް ނުނިންމާ ކަމަށް އޭނާގެ އެޖެންޓު ބުނެފައިވާ ދަނޑިވަޅެއްގަ އެވެ.
ޖެމެއިކާގެ ނޫހެއް ކަމަށްވާ، ޖެމެއިކާ އޮބްޒާވަރަށް ދިން އިންޓަވިއުއެއްގައި ޝޯން ޕޯލުގެ އެޖެންޓް ކާލެޓް ޑީލިއަން ބުނެފައި ވަނީ ޝޯ ދިނުމަށް ރާއްޖެ އައުމާ ދޭތެރޭ ވަކިގޮތެއް ނިންމާނީ ޝޯން ޕޯލްގެ މެނޭޖްމަންޓް ޓީމާއި ރާއްޖޭގެ ކަމާ ބެހޭ އިދާރާތަކާ އެކު މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ.
ނަމަވެސް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، ޝޯން ޕޯލަށާއި އޭނާގެ މެނޭޖްމަންޓަށް ވިސްނައި ދިނުމަށް ކުރެއްވުނު ހުރިހާ މަސައްކަތެއް ކުރައްވަމުން އަންނަ ކަމަށެވެ.
ޝޯން ޕޯލްގެ ފޭސްބުކް ޕޭޖުގައި އިތުރަށް ބުނެފައި ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ކަންތައްތައް ދަސްކުރަން ބޭނުންވަނީ އޭނާގެ ހިތުގައި އެކި ދީންތަކަށާއި ސަގާފަތްތަކަށް އޮންނަ ގަދަރެއްގެ ބޮޑު ކަމުން ކަމަށެވެ. އަދި ބުނެފައި ވަނީ އެ މީހަކަށް އެންމެ އެކަށީންގެވާ ރަނގަޅު ގޮތަކަށް ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ތާއީދު ކުރާ ކަމަށާއި އަގީދާއަށް ބަލައިގެން މީހުންނާ މެދު ގޮތެއް ނުނިންމާ ކަމަށެވެ.
ސޫރިޔާގައި ހަރަކާތްތެރިވާ ޖަބުހަތުއް ނުސްރާއާއެކު ހަނގުރާމަކުރަމުން އަންނަ ދިވެހިންތަކެއް ހިންގާ ކަމަށް ބެލެވޭ ބިލާދުއް ޝާމް މީޑިއާގެ ލޯގޯ އާއެކު ޔޫޓިއުބުގައި އަޕްލޯޑްކުރި ވީޑިއޯގައި ބުނެފައި ވަނީ، ޝޯން ޕޯލް ރާއްޖެ އައިފިނަމަ ދެން ފެނިގެންދާނީ އޭނާގެ "ފުރާނަ ނެތް، ލެއިން ފޯވެ އަދި އަނދާފައިވާ މަސްގަނޑު" ކަމަށެވެ.
ނަމަވެސް ޝޯން ޕޯލްއަށް މަރުގެ އިންޒާރުދީ އާއްމުކޮށްފައިވާ އެ ވީޑިއޯ އަކީ ސޫރިޔާގައި ތިބި ދިވެހި ހަނގުރާމަވެރިން ކުރި ކަމެއް ނޫން ކަމަށް އެމީހުން ފަހުން ވަނީ ބުނެފައެވެ.