28 Dec 2014, 10:36
ގެއްލިފައިވާ އެއާއޭޝިއާގެ މަތިންދާބޯޓް ހޯދުމަށް ސިންގަޕޫރުގެ ވައިގެ ސިފައިންނާއި ކަނޑުގެ ސިފައިން މަސައްކަތް ފަށާފައިވާ ކަމަށް އެގައުމުން ބުނެފި އެވެ.
ސިންގަޕޫރުގެ އޭވިއޭޝަން އޮތޯރިޓީން އާއްމުކުރި ބަޔާނެއްގައި ބުނެފައި ވަނީ މަތިންދާބޯޓް ހޯދުމުގެ އޮޕަރޭޝަނަށް ސިންގަޕޫރު އެއާފޯސްގެ ހާކިއުލަސް ސީ 130 މަރުކާގެ ދެ މަތިންދާބޯޓް ހާއްސަކޮށްފައިވާ ކަމަށެވެ.
އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލެއް ކަމަށްވާ ހާދީ މުސްތަފާ ވިދާޅުވެފައި ވަނީ މަތިންދާބޯޓާ ގުޅުން ކެނޑުނީ ސިންގަޕޫރާ ސުރަބަޔާ ޖަޒީރާއާ ދެމެދު އޮންނަ ޖާވާ ކަނޑުގެ މަތިން އުދުހެނިކޮށް ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ ގުޅުން ކެނޑުމުގެ ކުރިން މަތިންދާބޯޓުން އެދިފައި ވަނީ އާއްމުކޮށް ދަތުރު ނުކުރާ މަގަކުން ދަތުރުކުރުމަށް ކަމަށެވެ.
ގެއްލިފައި ވަނީ އެއާ ބަސް އޭ 320-200 މަރުކާގެ ބޯޓެކެވެ.
އެއާ އޭޝިއާ އިން ބުނެފައި ވަނީ ބޯޓާ ބެހޭ މައުލޫމާތު ލިބޭ ވަރަކުން ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް އަންގަމުން ދާނެ ކަމަށެވެ.
ސީއެންއެން އިން ބުނީ ބޯޓު ފުރި އިރު ވަރަށް ގަދައަށް ގުގުރައި ވިދި ކަމަށެވެ. ނަމަވެސް ގަދަވެ ތެޅުވުމަކީ ބޯޓު ވެއްޓެން ޖެހޭ ކަމެއް ނޫން ކަމަށް ވެސް ސީއެންއެން އިން ބުންޏެވެ.
ރަސްމީ ފަރާތްތަކާ ހަވާލާދީ ރޮއިޓާސް އިން ބުނީ އެ ބޯޓުން ދަތުރު ކުރީ އިންޑޮނޭޝިޔާގެ 149 މީހުންނާއި ކޮރެއާގެ ތިން މީހަކާއި އިންގިރޭސި ރައްޔިތަކާއި ސިންގަޕޫރު ރައްޔިތެއްގެ އިތުރަށް މެލޭޝިޔާ ރައްޔިތަކު ކަމަށެވެ.